މާލޭ ސަރަހައްދާއި އުތުރުގެ އަތޮޅުތަކަށް މިއަދު ނަލަ ދުވަހަކަށް ވާނެ ކަމަށް ލަފާ ކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން ބުނެފި އެވެ.
ނިމިގެން މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހުނު ނަމަވެސް، މެޓު އޮފީހުން ބުނީ މެދު ރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މޫސުން އެހާ ގޯސް ނުވާނެ ކަމަށެވެ.
"މޫސުން އެހާ ގޯސްވެގެނެއް ނުދާނެ، މެދު ރާއްޖޭގެވެސް ބޮޑު ސަރަހައްދަކަށް އަދި އުތުރަށް އެކީގައި ހެން މޫސުން ރީތި، އަވި ދޭ ދުވަހެއްގެ ގޮތުގަ އޮންނާނީ،" މެޓް އޮފީހުން "އަދަދު" އާ ވާހަކަދެއްކި އޮފިޝަލު ވިދާޅުވި އެވެ.
މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގިނަ މީހުން ވޯޓުލާނެ އަދި އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ މާލެ ސަރަހައްދަށް މޫސުން ރީތިވާނެ ކަމަށާއި މުޅި ދުވަސް އޮންނާނީ އަވިގަދަ، ރީތި ދުވަހެއްގެ ގޮތުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އިއްޔެ މާލޭ ސަރަހައްދުގެ ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ.

މާލެއަށް ކެރިކޮޅެއް އަޔަސް އަންނާނީ ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ކަނޑުތައް އާންމުކޮށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.













