ހުކުމް ބާތިލުކޮށް ކޮރަޕްޝަންގެ މައްސަލަ އަލުން ބަލަން އެންގުމުން ކުރީގެ ރައީސް ޔާމީން މިނިވަންވެއްޖެ

ހުކުމް ބާތިލުކޮށް ކޮރަޕްޝަންގެ މައްސަލަ އަލުން ބަލަން އެންގުމުން ކުރީގެ ރައީސް ޔާމީން މިނިވަންވެއްޖެ

ކޮރަޕްޝަންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިތާ 480 ދުވަސް ފަހުން އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން އެމަނިކުފާނު މިއަދު މިނިވަންވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ ހުކުމް އިސްތިއުނާފަށް މިދިޔަ އަހަރު މާޗު މަހު ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ.

ޔާމީންގެ އިސްތިއުނާފު ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ފާހަގަ ކުރެއްވި ގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުލާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުގެ ލިޔުމެއް އޮތް ކަމެވެ. އެކަމަކު ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ގުނިކަން ފަހުން ހާމަކުރުމަކީ ބޭއިންސާފެއް ކަމަށެވެ.

އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ލިބުނު ކަން ޔަގީން ވަނީ ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް އިންސާފުވެރިކޮށް ދުސްތޫރީ ހައްގުތައް ދިފާއަށް ދީގެން ކަމަށް ފަނޑިޔާރު ހުޒައިފާ ފާހަގަ ކުރެއްވި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއީ ހެކިތައް ދެއްކި ވާހަކަތަކާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަންނަން ފުރުސަތު ދޭނަމަ، އެ ހެކިތަކާ ދެކޮޅަށް ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ދިފާއަށް ދޭން ޖެހޭނެ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ. ދިފާއަށް ލިބެން ޖެހޭ ދުސްތޫރީ ހައްގުތައް، ދަށު ކޯޓު މަރުހަލާގައި ނުލިބޭ ކަން ފާހަގަ ކުރެއްވި އެވެ.

މިއީ ޔޫސުފް ނައީމްގެ އިސްތިއުނާފަށް ވެސް ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންކަމެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާގެ ރައުޔައަށް ބެންޗުގެ ދެން ތިއްބެވި ފަނޑިޔާރުން ވެސް އިއްތިފާގުވި އެވެ. އެހެންވެ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން އެ ކޯޓުގައި ބެލުމަށް ހުކުމްކުރި އެވެ.

އެ މައްސަލާގައި ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ގިނަ އެވެ. އަދި އެ ނުކުތާތައް އިއްވުމަށާއި އެއަށް ދައުލަތުން ހުށަހެޅި ރައްދުގެ ނުކުތާތައް އިއްވުމާއި ތަފްސީލްކުރުމަށް 12 އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމިން ގަޑިއިރުގެ ނިސްބަތް، 35 ގަޑިއިރު އަރަ އެވެ. އެއީ އެކަމަކު، ހުސް ވަގުތުތައް ވެސް ހިމެނޭ ގޮތަށެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް ވެސް ނިންމާލިތާ 149 ދުވަސް ފަހުން މިއަދު ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ހުކުމްކުރީ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީންގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާއަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. މި މުއާމަލާތުގައި ޔާމީންގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. ޔާމީން އަދި ޔޫސުފް ނައީމް މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ އެ ހުކުމް ދެމިއޮތުމުންނެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ވެސް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި އަޑުއެހުންތަކެއް ބޭއްވި އެވެ. އެ މައްސަލަ އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox