ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީގެ މުއައްސިސު ޒެއިން އަބްދުﷲ ޔާމީނުން ތުހުމަތުކުރައްވައިފި އެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ޣިޔާސުއްދީން އިންޓނޭޝަނަލް ސްކޫލްގެ މާލަމް ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅުއްވަމުން "އަަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ އެ މާލަމް ދޫކުރަން އެއްބަސްވުމަށް ފަހު އެކަން ބަދަލުކުރަން އެ ސްކޫލުން ފޮނުވި ކަމަށް ބުނާ ލިއުމެއް ހިފައިގެން ފުލުހުން އައި ކަމަށެވެ. ޣިޔާސުއްދީނަށް ގޮސް ޕީއެންއެފްގެ އިސް ބޭފުޅުންނާ މުއާމަލާތްކުރި ފުލުހުން ހަވާލާދިނީ ޒެއިން ވިދާޅުވި ގޮތުގައި މިއަދުގެ ވަރަށް ފަހުގެ ވަގުތެއްގައި ޣިޔާސުއްދީންގެ މެނޭޖްމަންޓް ފޮނުވި އީމެއިލް އަކަށެވެ.
"ސްކޫލުން ފޮނުވާފައި އޮތް އީމެއިލް އެއްގައި މި އޮންނަނީ ހަފުލާ [ޖަލްސާ] އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތޭ. އެހެންވީމާ ތިޔަ ބޭފުޅުން އަޅުގަނޑުުމެންނަށް ޕޭކުރައްވާފައި އޮތް އެޑްވާންސެއް ނުވަތަ ފީއެއް އަޅުގަނޑުމެން ރިފަންޑްކޮށްދޭނަމޭ، އެކައުންޓް ނަމްބަރެއް ދެއްވާށޭ،" ޒެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣިޔާސުއްދީންގެ އެ އީމެއިލްއާ ގުޅޭ ގޮތުން ފުލުހުން އެތަނަށް ދިޔަ، ގާނޫނީ ހައިސިއްޔަތެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެ ޖަލްސާއަށް އެޅޭނެ އެއްވެސް ހުރަހެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެކަމަކު ކަންތައްތަކެއް ދަތިކުރުމުގެ ގޮތުން، ނޫނިއްޔާ އަޅުގަނޑުމެންނަށް ނުތަނަވަސްކަމެއް [ގެނުވަން] ނޫނިއްޔާ ޖަލްސާއަށް [ހުރަސް އަޅަން]، އެކަހަލަ ކަންތައްތަކެއް ކަންނޭނގެ ކުރިއަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޒެއިން ވިދާޅުވި ގޮތުގައި ޣިޔާސުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމަށް، އެފަދަ ޖަލްސާއަަކަށް ބޭނުންވާ ކަރަންޓް ވަކިން ބޭނުންންވާތީ ސްޓެލްކޯގައި އެދުމުން އެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިނުދީފަ އެވެ. އެހެންވެ، ޕީއެންއެފުން ވަނީ ވަކި ޖަނަރޭޓަރެއް އެ ސްކޫލަށް ގެންގޮސްފަ އެވެ.
އޭނާ ސިފަކެރެއްވި ގޮތުގައި އެހުރިހާ ކަމަކީ ޕީއެންއެފް އުފައްދައިގެން ސިޔާސީ ގޮތުން ވަކިން ހަރަކާތްތެރިވާތީ ސަރުކާރުގެ ތެރޭގައި ތިބި ބަޔަކަށް އެކަން "ހަޖަމް ނުވެގެން" ކުރާ ކަންތައްތަކެކެވެ.












