ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.
"އިންޝާﷲ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތް ދާނީ ހަލުވި މިނުގައި ކުރިއަށް،" އެކްސްގައި މަލީހު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންއަށް އިލެކްޝަނުން ދިނީ މިދިޔަ ނޮވެމްބަރު 29، ގަ އެވެ.
ޕީއެންއެފް އުފެއްދުމުގެ ކުރިން ރައީސް ޔާމީނު ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގަ އެވެ. އެ ޕާޓީއާ ދުރަށް ޖެހިވަޑައިގަތީ ރިޔާސީ އިންތިހާބާ ހަމައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނާ ދެމެދު ގުޅުން ހީނަރުވެގެންނެވެ.

ޕާޓީއެއްގެ ގޮތުގައި ޕީއެންއެފް އަދި ރަޖިސްޓަރީ ނުވި ނަމަވެސް އެ ޕާޓީން ގެންދަނީ ގަވާއިދުން ޖަލްސާތައް ބާއްވަމުންނެވެ.











