ރައީސް ޑރ.މުހައްމަދު މުއިއްޒާއި އިސް ވަޒީރު އަބްދުއް ރަހީމް އަބްދުﷲ އަކީ "ހަގީގަތް އޮޅުވައިލަން ބިރު ނުގަންނަ ބައެއް" ކަމަށް ސިފަކުރައްވައި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ދީފި ނަމަ ބޮޑާކަން އިތުުރުވާނެ ކަމަށް ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެެވެ.
ސޯޝަލް މީޑިއާ އެކްސްގައި ލިއުއްވި ލިއުމެއްގައި ޖަމީލު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އުޅުނީ ކުރީގެ ރައީސް ޔާމީނު ޖަލުގައި ބާއްވައިގެން ވެރިކަމަށް އަންނަން ކަން، އޭރު ވެސް އެޕާޓީގެ ނަޒާހަތްތެރި މެންބަރުން ދައްކަމުން އައި ވާހަކައެއް ކަމަށެވެ. ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ބަސްމަގު [ޔާމީނާ ބެހޭ ގޮތުން ދައްކަވާ ވާހަކަތައް] ބަދަލުވެގެން ދިޔަ މިންވަރުން މިހާރު އެކަން ކަށަވަރު ވެއްޖެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"ހަގީގަތް އޮޅުވާލަން މިވަރަށް ބިރު ނުގަންނަ ބަޔަކަށް މަޖްލިސް ނުވަތަ އެހެން އިތުރު ބާރެއް ލިބުންވާނީ ޕީއެންސީގެ ބޮޑާކަމަށް އިތުރުކުރެވޭ ހަކަތަޔަކަށް،" ޖަމީލު ވިދާޅުވި އެެވެ.
މަނީލޯންޑާކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލުހުކުމެއްގައި ހުންނެވި، ކުރީގެ ރައީސް ޔާމީނު މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ޔާމީނު މިހާރު ތުހުމަތުކުރައްވާ ގޮތުގައި މުއިއްޒު އެމަގަކަށް މަސައްކަތެއް ނުކުރައްވަ އެެވެ.
ޔާމީން ފަހަތުގައި ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފުގެ ތާއީދާއެކު، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް ތާއިދު ހޯދުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެ އަށް ވަޑައިގަތުމުން، އެ މަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރާ ކަމަށެވެ. އެ ސުވާލަށް ރައީސް މުއިއްޒު ދެއްވާ ޖަވާބަކީ "ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ" ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކަމަށް ވަންޏާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިގޮތަށް ތުހުމަތު ކުރެއްވިއިރު، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށެވެ.












