މި ސަރުކާރުގެ ކުރީކޮޅު ޕީޕީއެމް/ޕީއެންސީގެ ތެރޭގައި އުފެދުނު ކޯޅުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީޕީއެމް ހިންގުމާ ހަވާލުވާން އުފެއްދި ކޮމިޓީގައި އިސްކޮށް އުޅުއްވި އައްބާސް އާދިލް ރިޒާއަށް ސިޔާސީ މަގާމެއް ދިނުމާއެކު ސަރުކާރާ ގުޅިއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްބާސްއަށް މަގާމެއް ދީފައިވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއިންނެވެ. އޭނާ މީގެ ކުރިން ވެސް އެ އެމްބަސީގައި ވަޒީފާ އަދާކުރި އެވެ.
ޔާމީނުގެ ވެރިކަމުގައި ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުވެސް އަދާކުރެއްވި އައްބާސް އާއި މިހާރު ޔާމީނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އިސް ފަރާތްތަކުން ޕީޕީއެމާ "ހަވާލުވާން" އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ.
އެ ރޭގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.

ޔާމީނު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދަދު

"އެެމަނިކުފާނަށް ލިބިވަޑައިގެންވާ އިހުތިޔާރެއް އެއީ ޑޭޓުޑޭ ރަންކުރުން [ދުވަހުން ދުވަހަށް ހިންގުން]. މިވަގުތު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާ ވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާދެއްވާފައި. އަދި ސެކްރެޓަރީ ޖެނެރަލް [މުހައްމަދު ތޮލާލް] މިވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ޔާމީނާއެކު ރައީސް މުއިއްޒު އަދި މި ސަރުކާރަށް އައްބާސް ވަރަށް ބޮޑަށް ފާޑުކީ ނަމަަވެސް މި ފަހުން ޕީއެންއެފުން ބޭއްވި އެއްވެސް ބައްދަލުވުމަކުން އޭނާ ނުފެނެ އެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުން އައްބާސްގެ މައްޗަށް، ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ވެސް ކުރި އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގަ އެވެ.
އެ މައްސަލާގެ އަޑުއެހުންތަކަށް ހާޒިރު ނުވެ ފިލައިގެން އުޅުމުގެ ސަބަބުން އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ. އޭރު އޭނާ ރާއްޖޭގައި ނެތް ނަމަވެސް ފަހުން އޭނާ އެނބުރި މާލެ އައުމުން އެ މައްސަލަ ކުރިއަށް ގޮސްފައެއް ނުވެ އެވެ.












