ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާތަކެއް ބަހަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ މި މައްސަލަ ހުށަހެޅުއްވީ އޭޕްރީލް 21ގައި ބާއްވާ މަޖިލީސް އިންތިހާބާ ދިމާކޮށް، އެ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ، އެއްވެސް އުސޫލެއް ހަމައެއް ނެތި ދެމުންދާ ކަމަށް ބުނެ އެވެ.
"މިގޮތުން ބައެއް ކުންފުނިތަކުން އެއްފަހަރާ 30-40 ވަޒީފާ އިއުލާނު ނުކޮށް އެކި ފަރާތްތަކަށް ދެމުންދާއިރު އެ ވަޒީފާއަށް މީހުން ހަމަޖައްސަނީ ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން ޝަރުތު ކުރުމަށް ފަހު ކަމަށް ވަޒީފާ ލިބޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުން," ޔޫނުސް ވިިދާޅުވި އެވެ.
ޔޫނުސް ވިދާޅުވީ ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ހަރަދު ބޮޑުވުމުގެ ސަބަބުން ގެއްލުމުގައި ހިންގާ ތަންތަނަށް ވާތީ އެތަންތަނުގެ ހާލަތާމެދު މި ސަރުކާރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކަން އެހެން އޮތްއިރު އެއްފަހަރާ ގިނަ ވަޒީފާތަކެއް ކަނޑައެޅިގެން ވަކި ބަޔަކަށް ދިނުމަކީ ސަރުކާރުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއީ ކުންފުނިތަކުގެ ވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގަމުން ގެންދާ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށްވާއިރު, އޭސީސީން އެކަމަށް ސަމާލުކަން ނުދީ ހިމޭނުން ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ކުންފުނިތަކުގައި ތިބި ސަރުކާރު ކެންޑިޑޭޓަށް ފާޅުގައި ތާއިދު ނުކުރާ މުވައްޒަފުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ފިޔަވަޅު އަޅައި, ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރަމުންދާ ކަމަށް ވެސް ޔޫނުސް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން އެކަންކަން މިހިނދުން މިހިނދަށް ބަލައި, ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަ ކުރައްވާ ޔޫނުސް ވަނީ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރުން ހުއްޓުވުމާއި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.












