ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަކުރުމަށް ނަން ހުށަހެޅުއްވި ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ލޯގޯ ޖަހައިދިނުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި އިއްޔެ އެދިއްޖެ އެވެ.
ޕީއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަނުގެ ބޭފުޅުންނާ އިއްޔެ ބައްދަލު ކުރެއްވި ކަމަށާއި ޔާމީންގެ ތާއީދާއެކު ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ކުލައާއި ލޯގޯ ބޭނުން ނުކުރެވޭ ގޮތަށް އިލެކްޝަނުން ނިންމި ނިންމުން ބަދަލު ކޮށްދިނުމަށް އެ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެެވެ.
"ޕީއެންއެފް ފަރާތުން ކުރިމަތިލައްވާ މިނިވަން ކެންޑިޑޭޓުންގެ ލޯގޯއާއި ކުލަ ބޭނުންނުކުރެވޭ ގޮތަށް އީސީއިން ނިންމި ނިންމުން ބަދަލުކޮށްދެއްވުމަށް ވާނީ އެދިފަ. އުންމީދަކީ އީސީއިން ވޯޓް ކަރުދާސް ޕްރިންޓްކުރާއިރު އެ ލޯގޯ ހުރުން." މަލީހުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީ މި ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެވެ. ނަމަވެސް އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމުތައް އީސީއަށް ހުށަހެޅީ އަމިއްލަގޮތުން ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ
ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ މެންބަރުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖެހުމަށް މީގެ ކުރިން ވެސް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީގައި އެދުނެވެ. ނަމަވެސް ޕީއެންއެފްއަކީ ރެޖިސްޓަރީ ނުވެ އޮތް ޕާޓީއަކަށް ވާތީ އޭރު އިލެކްޝަނުން ނިންމީ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ނުދިނުމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު 40 ދާއިރާއަކަށް ވާދަ ކުރުމަށް ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.












