ސަރުކާރުން ރޯދަ މަހުގެ ތެރޭގައި ބަހަން ނިންމި ކާޑު، މާލެ ސަރަހައްދުން އެކަނި ވެސް 9000 އަށް ވުރެ ގިނަ މީހުންނަށް ބަހައިފި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ އިއްޔެގެ ނިޔަލަށް ޖުމުލަ 9201 މީހުންނަށް 10 ކިލޯގެ ހަނޑުލާއި ފުށް ބަހާފައިވާ ކަމަށެވެ. އެއީ 3714 ކިލޯގެ ހަނޑުލާއި ހަމަ އެ އަދަދަށް ފުށް ކަމަށް ކައުންސިލުން ބުނެ އެވެ.
މާލެ ސަރަހައްދުގެ ހަ ސެންޓަރަކުން ދަނީ ކާޑު ދޫކުރަމުންނެވެ. އެއީ ސޯޝަލް ސެންޓަރާއި ގަލޮޅު ދަނޑާއި ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބަޔާއި ވިލިމާލޭ ބިއްރި މިސްކިތާއި ހުޅުމާލޭގެ އުމަރު ޒާހިރު އިމާރާތް އަދި ފޭސް ދޭއްގެ ވިނަރެސް ޓަވަރު 10 އެކެވެ.
ސަރުކާރުން ނިންމީ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯގެ ފުށް ދިނުމަށެވެ. އެ ތަކެތި ބޭނުން ނަމަ ޖެހެނީ ބަހާ މަރުކަޒަކަށް ގޮސް ކަރަންޓު މީޓަރު ނަންބަރު ދައްކާށެވެ.
ރޯދަ މަހު ހަނޑުލާއި ފުށް ބަހާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ވަޑައިގެން ވަކި ރާއްޖެ ގައުމަކަށް ބަރޯސާ ނުވާނެ ވާހަކަ ދައްކަވަމުންނެވެ.

"މި ރޯދަމަހު، ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ކޮންމެ ގޭބީސީއަކަށް ހިލޭ، ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށްވުރެ އިތުރު ވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ، ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް،" ޖެނުއަރީ 13، ގައި ރައީސް ވިދާޅުވި އެވެ.











