އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު އެ ގައުމުން ތިބި މަދަނީންނާ ހަވާލުކުރުމަށް ފަހު، އެ މަސައްކަތުގައި މީގެ ކުރިން ހަރަކާތްތެރިވި އިންޑިއާގެ ސިފައިން ފުރައިފި އެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އައްޑޫގައި ތިބި ސިފައިން ފުރާފައިވާ ކަމަށާއި މިހާރު އެ މީހުން ތިބީ އިންޑިއާގައި ކަމަށެވެ.
ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކާ ހަވާލުވުމަށް އިންޑިއާއިން ފޮނުވި މަދަނީންގެ ފުރަތަމަ ބެޗު އައްޑޫއަށް އައީ ފެބްރުއަރީ 26، ގަ އެވެ. އެ ބެޗުގައި ހިމެނެނީ 26 މީހުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިކަމުގައި އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ދިވެހި ސަރުކާރުގެ އޮފިޝަލުން ދޭ ޖަވާބަކީ އިންޑިއާއިން ފޮނުވަނީ މަދަނީންކަން ކަށަވަރު ކުރާނެ ކަމެވެ. ނަމަވެސް، އެ ގައުމުން ފޮނުވަނީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މިހާތަނަށް އިންޑިއާއިން ވެސް އަދި ދިވެހި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް މަދަނީން ކަމަށް ބުނާ މީހުންގެ ފޮޓޯ، އަދި ނަން ވެސް ހާމައެއް ނުކުރެ އެވެ.

މީގެކުރިން އައްޑޫގައި ބޭނުންކުރި ހެލިކޮޕްޓަރު މަރާމާތައް ފޮނުވައި އާ ހެލިކޮޕްޓަރެއްވެސް އިންޑިއާއިން ވަނީ މިދިޔަ މަހު ފޮނުވައިފަ އެވެ. އާ ހެލިކޮޕްޓަރު ހިފައިގެން އައި އެ ގައުމުގެ މަނަވަރު އައްޑޫގައި ބަނދަރުކުރީ ފެބްރުއަރީ 29، ގަ އެވެ.
ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.












