މާލެ ސިޓީގައި ޓްރެފިކް މައްސަލަ ހައްލުކުރަން މާލެ އާއި ހުޅުމާލޭގައި ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް ހުރި 281 އުޅަނދު ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު 123 އުޅަނދު ނައްތާލާފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 281 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ.
މި ޕްރޮގުރާމަކީ ވޮލުންޓަރީ ނުވަތަ އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދުމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގުރާމު މިނިސްޓްރީން ހިންގަނީ ފުލުހުންނާއި ވެމްކޯއާ ގުޅިގެންނެވެ.

މާލޭގައި ބައެއް އުޅަނދުތައް ނައްތާލަނީ -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
މާލެއަށް ދިމާވެފައިފާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ފަށާފައިވާއިރު، މާލެއަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަ ހައްލު ކުރުމަށް ގަވައިދާ ހިލާފަށް މީހުންނަށް އުނދަގޫވާ ގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވެސް، މެދުކެނޑުމަކަށް ފަހު، ފުލުހުން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 80،000 ވެހިކަލް ރަޖިސްޓްރީކޮށްގެން ދުއްވަ އެވެ. އޭގެ ތެރެއިން 4500 އުޅަނދަކީ ކާރެވެ. ޕިކަޕާއި އެހެނިހެން ހަތަރު ފުރޮޅުލީ އުޅަނދުގެ އަދަދު އުޅެނީ 1000 އަށް ވުރެ މަތީގަ އެވެ.












