ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ އެޕްރީލް 21, ވަނަ ދުވަސް ބަންދުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި ބޭއްވި ޖަލްސާގަ އެވެ.
"ތި ބޭފުޅުން އެގޮތަށް ނިންމާފައޭ ތިއޮތީ އެހެންވީމާ އަޅުގަނޑު އެ ދުވަސް ބަންދުކުރާނަމޭ," އިލެކްޝަންސް ކޮމިޝަނަށް ޔަގީންކަން ދެއްވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އީސީން ވަނީ ޖެހިގެން އަންނަ އެޕްރީލް 22, ވެސް ބަންދުކުރުމަށް އެދިފަ އެވެ. ނަމަވެސް, އެކަމުގައި ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ.
އީސީން އެޕްރިލް 21، ވާ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އިންތިހާބު އިތުރަށް ލަސްކޮށްގެން އާ މަޖިލިސް އިންތިހާބު ނުކުރެވޭނެތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އީސީން އާންމުކޮށް ބޮޑެތި އިންތިހާބުތައް ބާއްވަނީ ބަންދު ދުވަސްތަކުގަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބު އާދީއްތަ ދުވަހެއްގައި ބާއްވަން ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އާ ގާނޫނުގެ ދަށުން އިންތިހާބުތައް ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ގެ ފަހުން ކަމަށްވާއިރު، އިންތިހާބުތައް ދެން ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ނިންމުމަށްފަހު އެވެ.












