ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ފުރިހަމަ ވެގެން ދިޔައިރު، ނުވަތަ ސަރުކާރުން ބުނާ ގޮތުން 14 ހަފުތާ ނިމިގެން ދިޔައިރު، ކުރަން ކަނޑަޅި 161 ވައުދުގެ ތެރެއިން 152 ވައުދު ފުރިހަމަވި ކަމަށް ބުނެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ހިމަނާފައިވާ "ހަފުތާ 14"ގެ އެޖެންޑާގައި ފާހަގަކޮށްފައިވާ ގޮތުން ނަމަ ފުރިހަމަ ނުވަނީ އެންމެ ނުވަ ވައުދެވެ.
ފުރިހަމަ ނުކުރެވުނު ވައުދު
1. ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުން
މިއީ ރިޔާސީ ކެމްޕޭނުގެ އެންމެ މުހިއްމު އެއް ވައުދެވެ. މި މަސައްކަތުގެ 80 ޕަސެންޓު ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ އިސްތިއުނާފު ކުރަން ބޭރުގެ މާހިރުންގެ ޓީމަކާ ހަވާލުކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ޓީމެއް ވެސް އެކުލަވައިލި އެވެ. ނަމަވެސް އިސްތިއުނާފު ކުރެވޭނެ މުއްދަތެއް އަދި ހާމައެއް ނުކުރެ އެވެ.
2. ބޯހިޔާވަހިކަމަށް ހާއްސަ "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް"އެއް ގާއިމުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުން

މި ވައުދުގެ 99 ޕަސެންޓު ނިމިފައިވާ ކަމަށް ބުނި ނަމަވެސް، އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ކުރިން ބައެއް ތަފްސީލު ހުއްޓެވެ. މި ވައުދު ފުރިހަމަވި މިންވަރު ބަޔާންކުރުމަށް، އިތުރު ތަފްސީލުގެ ބައިގައި އޭރު ލިޔެފައި އޮތީ، "ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭ ހުރިހާ ޑޭޓާއެއް އެއްކުރުން" މިހެންނެވެ. މިހާރު މި ވާހަކަ ވެބްސައިޓުން ވަނީ އުނިކޮށްފަ އެވެ. އެހެންވެ، 99 ޕަސެންޓު ފުރިހަމަކުރަން ކުރީ ކޮން ކަމެއްކަން އެނގެން ނެތެވެ.
3. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 5 ޕަސެންޓު އިންޓަރެސްޓުގައި ތައާރަފުކުރާ ލުއި ލޯނާބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން
މި ވައުދު ފުއްދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ގޮތުގައި "އިތުރު ތަފުސީލު"ގެ ބައިގައި ކުރިން ލިޔެފައި އޮތީ އެންމެ ޖުމުލަ އެކެވެ. އެއީ، "ލުއި ލޯނާބެހޭ ސިޔާސަތުތައް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން އެކުލަވާލުން" މިހެންނެވެ.
އެ ލިޔުންކޮޅު މިހާރު ވެބްސައިޓުން ވަނީ އުނިކޮށްފަ އެވެ. އެހެންވެ، 99 ޕަސެންޓު ނިމިފައިވާ ކަމަށް ބުނި ނަމަވެސް އެއީ ކޮން ކަންތައް ތަކެއް ކަމެއް ނޭނގެ އެވެ. އަދި ލޯނު ދޫކުރަން ފަށާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.
4. ސިނަމާލެ އާއި މާލެހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުން
އަމަލީ މަސައްކަތް ފަށަން އުޅޭކަމުގެ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނެތެވެ. މި ވައުދު ފުއްދުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ގޮތުގައި ވެބްސައިޓުގައި އަމަލީ މަސައްކަތް ފެށުނު ކަމަށް ކުރިން ބުނެފައި އޮތެވެ. އިތުރު ތަފުސީލުގެ ގޮތުގައި ކުރިން ލިޔެފައި ވަނީ މި ކަންކަމެވެ.
- ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކޮންސެޕްޓް ތައްޔާރުކޮށް ކުރެހުން
- މަޝްރޫއަށްް ބޭނުންވާ ބިން ހަމަޖެއްސުން
- މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޑިވެލޮޕަރު ހަމަޖެއްސުން
- މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓަށް މޯބިލައިޒްވުން
- އަމަލީ މަސައްކަތް ފެށުން
އިންފްރާސްޓަރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ މި މަޝްރޫއު ކުރިއަށް ގެންދާ ގޮތުގެ ތަފުސީލު ކުރިން ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި ނަމަވެސް، މިހާރު އެ ތަފްސީލުގެ ފިތް ވެސް، މި ބައިގައި ނެތެވެ. އަދި މި ހައުސިން ޔުނިޓުތައް ހަދަން ބަޔަކު ހަމަޖެއްސި ކަމަށް ކުރިން ބުނި ނަމަވެސް އެއީ ކޮން ބައެއްކަން، އަދި ޕްރޮޖެކްޓުގެ އަގަކީ ކޮބައިކަން ހާމައެއް ނުކުރެ އެވެ.
5. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓުކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މި ބިލް އެކުލަވާލުމުގެ މަސައްކަތުގެ 99 ޕަސެންޓު ނިމިފައިވާ ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.
6. މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރު ޕާކުކުރުމުގެ މައްސަލަޔަށް ހައްލު ހޯދުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި، ހަދަންޖެހޭ ޕާކިން އިމާރާތްތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުން
ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރުން ފެށިގެން ޕާކިން ބިލްޑިންތަކެއް ހެދުމުގެ ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އޭރު އެކަން ހުއްޓިފައި އޮތީ ސަރުކާރުން ހުއްދަ ނުދީގެން ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވެރިކަމުގެ 14 ހަފުތާތެރޭގައި ފަށާނެ ކަމަށް ކަނޑައަޅާފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށުނެވެ. ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތުގެ 85 ޕަސެންޓު ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބަޔާންކޮށްފައި ވާއިރު، އިތުރު ތަފްސީލެއް ނެތެވެ.
7. މާލޭގައި ހިންގަމުން އައި ނީލަން ވިޔަފާރިތައް އަލުން ފެށޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެކަމަށް ހާއްސަ ބިމެއް ކަނޑައެޅުން
ނީލަން ފިހާރަ ހިންގުމަށް މާލޭ އިންްޑަސްޓްްރިއަލް ޒޯނު ސަރަހައްދުން ބިމެއް ހޯދުމަށް ކުރީގެ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލުން އެދުމުން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ފެބްރުއަރީ 20، 2023 ގައި ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 100 ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެ ބިން ހަމައެއް ނުޖެއްސި އެވެ. ނީލަން ފިހާރައަށް ބިމެއް ހަމަޖެއްސުމަކީ އެ މަނިކުފާނުގެ 100 ދުވަހުގެ ވައުދެކެވެ.
8. ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާއާއި އިރުޝާދާ އެއްގޮތަށް، ކުރު އަދި ދިގު ރާސްތާގެ ދަރަނީގެ މިންގަނޑު، ގައުމީ އިގުތިސާދާއި މާލިއްޔަތަށް ބުރޫ ނާރާނެފަދަ މިންވަރެއްގައި ބެހެއްޓުމުގެ ސިޔާސަތެއް އިއުލާނުކުރުން
މި ސިޔާސަތު އިއުލާނު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ 99 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެފައި ވިޔަސް، ފުރިހަމަކޮށްފައިވާ މަސައްކަތަކީ ކޮބައިކަން ހާމައެއް ނުކުރެ އެވެ.
9. ނަފުސާނީ ދުޅަހެޔޮކަމާބެހޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މި މަސައްކަތުގެ 99 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ. މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ނަފުސާނީ ސިއްހަތާބެހޭ ބިލްގެ އެންމެފަހު ޑްރާފްޓް ރިވިއު ކުރުމަށާއި އަދި ހިމަނަންޖެހޭ ބައިތައް ހިމަނައި ފައިނަލްކޮށް ދިނުމަށް ކޮންސަލްޓަންޓެއް ނެގުމަށް ބަޖެޓް ހަމަޖެއްސުމަށް ހުށަހެޅުމާއި، ނަފުސާނީ ސިއްހަތާއި ބެހޭ ބިލް ޑްރާފްޓްކުރުމަށް ކޮންސަލްޓަންޓެއް ނެގުމަށް އިއުލާންކުރުމާއި ކޮންސަލްޓަންޓެއް ނެގުން އަދި ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށް ބިލްއަށް ގެންނަން ޖެހޭ ބައިތައް ދެނެގަނެ، އެކުލަވާލަން ޖެހޭ ބައިތައް އެކުލަވާލުމާއެކު އެހެނިހެން ގުޅުންހުރި ގާނޫންތައް ދެނެގަނެ އެލައިންކުރުން ހިމެނެ އެވެ.
މި ނުވަ ވައުދު ފުރިހަމައަށް ނުފުއްދޭ ކަމަށް ބުނެފައި ވާއިރު، 100 ޕަސެންޓު ފުރިހަމަ ކުރެވިފައިވާ ކަމަށް ބުނެފައިވާ ބައެއް ވައުދުތައް ވެސް ފުރިހަމަވެފައެއް ނެތެވެ.













