ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް އޮތް ބިލު ދެ ވަނަ ފަހަރަށް ފާސްކުރުމުން, އަވަހަށް އެ ބިލް ތަސްދީގު ކުރުން ނޫން ގޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު ނެތް ކަމަށާއި އިންތިހާބު އަވަހަށް ބާއްވަން ބޭނުން އެވަނީ ސަރުކާރުގެ ތާއިދު ދަށްވެ، "ފަތިފުށް" ހާމަވެދާނެތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން އިއާދު ސަލީމް (އިއަޑޭ) އަށް ތާއިދު ހޯދަން އެ ދާއިރާގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ހަވީރު ބޭއްވި ހަރަކާތުގެ ތެރޭގައި "އަދަދު" ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ސޯލިހު ވިދާޅުވީ ބިލެއް ފާސްކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ ހުރިހާ މަރުހަލާއެއް މިހާރު އެ ބިލުގައި ފުރިހަމަ ވެފައިވާ ކަމަށާއި މިވަގުތު ދެން ކުރަންޖެހޭނެ ކަމަކީ ގާނޫނުއަސާސީގައި އޮންނަ ގޮތަށް އެ ތަސްދީގުކުރެއްވުން ކަމަށެވެ.
"އެ ނޫން ގޮތެއް އެޔަކު ދެން ނޯންނާނެ،" ރައްޔިތުންގެ މަޖިލީހުގައި ވެސް 25 އަހަރު މެމްބަރުކަން ކުރެއްވި ސޯލިހު ވިދާޅުވި އެވެ.
"އަނެއްކާ ލަސްނުކޮށް އަވަހަށް ތަސްދީގުކުރުމަކީ އެއީ ވަރަށް މުހިއްމު ކަމެއް. ގާނޫނު އަސާސީގައި އެބަ އޮވޭ އެ ވާހަކަ. ސުޕްރީމް ކޯޓުން ނިންމި ހުކުމެއްގައި އެ ވާހަކަ އެބަ އޮވޭ. ގާނޫނު އަސާސީގައި މި އޮންނަނީ ލަސްނުކޮށް [ތަސްދީގު] ކުރާށޭ. ސުޕްރީމް ކޯޓުން ނިންމާފައި މި އޮންނަނީ އަވަހަށް [ތަސްދީގު] ކުރާށޭ."

ކުރީގެ ރައީސް ސޯލިހު މިއަދު އިޔާދުއާއެކު. -- ފޮޓޯ: އެމްޑީޕީ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗު 17 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނަމަވެސް، އެއީ ރޯދަމަސް ކަމަށްވާތީ، ރޯދަ ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުން، މަޖިލީހުން މިއަދު ވަނީ 47 މެމްބަރުންގެ ތާއިދުން އެ ބިލް ފާސްކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ގޮވާލާފައިވަނީ އިންތިހާބު ރޯދަ މަސްތެރޭގައި ބޭއްވުމަށް ނުފެންނަ ކަމަށެވެ. އިންތިހާބު އަވަހަށް ބޭއްވުމަށް މަސައްކަތް ސަރުކާރުން އެ ކުރަނީ ލަސްވި ވަރަކަށް ނުފުއްދޭ ވައުދުތައް ގިނަވެ، ކަންކަމުގެ ހަގީގަތް އެނގޭނެތީ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެ މަންޒަރު އެ މަންޒަރު ފެންނަމުން ދަނީ. ވެރިކަމަށް ވަޑައިގަންނަވަން ވެގެން އެ ހެއްދެވި ދޮގުތަކާއި އޮޅުވާލުންތައް މިއަދު ރައްޔިތުންނަށް ހާމަވަމުން އެ ދަނީ ދުވަހެއް ދުވަހަށް. އެކަން އެދަނީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގެމުން. ގިނަ ދުވަސްވީ ވަރަށް، މި ސަރުކާރުން ވެފައި ހުރި ވައުދުތައް ނުފުއްދޭނެކަމާއި އޮޅުވާލާނެކަން އެބަ އެނގޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. ސަރުކާރުން ބުނަނީ ގާނޫނުގައި އޮންނަ ގޮތަށް ރައީސް އަމަލުކުރައްވާނެ ކަމަށެވެ. މަޖިލީހުން މިހާރު ވަނީ މިއަދު ފާސްކުރި ބިލު ރައީސްއަށް ފޮނުވާފަ އެވެ.













