ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރުންނާ އަދި ސީދާ ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މި ސަރުކާރުން ފެށި ޕަބްލިކް ފޯރަމް، "އަހާ" ސިލްސިލާ އާއި "ރައްޔިތުންގެ އަޑު"ގެ ނަމުގައި ރޭ ތައާރަފުކުރި، ޝަކުވާ އާއި ހިޔާލު ހުށަހެޅޭ ޕޯޓަލަކީ ރަނގަޅު ފެށުމެކެވެ.
ކޮންމެ މަހަކު މިނިސްޓަރުންގެ ޕަބްލިކް ފޯރަމެއް އަދި ކޮންމެ ތިން މަހަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕަބްލިކް ފޯރަމެއް އޮންނާނެ އެވެ.
ނިމިގެން ދިޔަ ވެރިކަމުގައި "ހޮޅުއަށި" ނަމުގައި މިފަދަ ކަމެއް ކުރިއަށް ގެންދިޔަ އެވެ. ރައްޔިތުންނާ ގާތަށް "ހޮޅުއަށްޓަށް" ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށް ދިނެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއެކު މަޑުޖެހުނު ގޮތަށް އެކަން ކުރިއަށް ނުދެ އެވެ.
ކުރިން ނަމަ، ޝަކުވާ އާއި ހިޔާލު ފޮނުވަން ޖެހޭނީ ސިޓީންވެ. އީމެއިލް ތައާރަފުވި ފަހުން އީމެއިލްގެ ޒަރިއްޔާއިން ވެސް ފޮނުވެ އެވެ. ނަމަވެސް ގިނަ ފަހަރު އެ ސިޓީތައް ފޮނުވި ފަރާތްތަކަށް ވާނުވާއެއް ނޭނގެ އެވެ.
ރޭ ބޭއްވި ޕަބްލިކް ފޯރަމަށް ބައެއް ފަރާތްތަކުން ދިޔައީ ކުރީ ސަރުކާރުގައި އަދި މި ސަރުކާރުގައި ވެސް ބައެއް މުއައްސަސާތަކަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ނުލިބިގެންނެވެ. އެ ވާހަކަތައް އަޑުއައްސަވައި ރައީސް ޖަވާބު ދެއްވުމާއެކު ދެން އޮތީ ދައުލަތުގެ އެހެން ވެރިންގެ ޒިންމާ އެގޮތުގައި ތަންފީޒު ކުރުމެވެ.

ސުވާލާއި ހިޔާލު ހުށަހެޅި ފަރާތަށް ޖަވާބު ލިބޭނެ ނިޒާމު ހަރުދަނާކޮށް އޮތުން މުހިއްމެވެ. މި ޕްރޮގްރާމުތަކުގެ ފައިދާ ފެނިގެންދާނީ އޭރުންނެވެ.












