ކޮންމެ ދުވަހަކު ވެސް މި ސަރުކާރުން ދަނީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަމުން ކަމަށާއި ސަރުކާރު ހަމައަކަށް އަޅުވަން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އޮޅުވާލުންތަކާއި ދޮގުތަކުގެ ސަބަބުން ރައްޔިތުން މާޔޫސްވެއްޖެ ކަމަށާއި ރިޔާސީ ކެމްޕެއިނުގައި މި ސަރުކާރުން ހެދީ ދޮގުކަން މިހާރު ރައްޔިތުން ގަބޫލު ކުރާ ކަމަށް ވެސް ޅ. ނައިފަރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ އަހުމަަދު ޔާސިރުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވި އެވެ.
"ރައްޔިތުން މާޔޫސްވެއްޖެ. އެއިރު އެ ދެއްކީ ދޮގު ވާހަކަތަކެއްކަން، އޮޅުވާލުންތަކެއްކަން މިއަދު ރާއްޖޭގެ ގިނަ ބަޔަކު އެބަ ގަބޫލު ކުރޭ. އެ ސަބަބަށްޓަކައި، މި ސަރުކާރު ހަމައަކަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. އޮޅުވާލުމާއި ދޮގު ހެދުމާއި ނަފުރަތު އުފެއްދުމާއި މީގެ އެތައް ކަންތައްތަކެއް މިހާރު ވެސް ތަކުރާރުކޮށް ކޮންމެ ދުވަހަކު ކުރަމުން އެ ދަނީ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މި ސަރުކާރު ރައްޔިތުން ހޮވީ ކުރިން އޮތް ގޮތަށްވުރެ ރަނގަޅު ގޮތެއް އިހުތިޔާރު ކުރުމަށް ކަމަށެވެ. ނަމަވެސް ކެމްޕެއިނުގައި ސަރުކާރުން ވީ ވައުދުތައް ފުއްދަމުންނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށްވީ ނާކާމިޔާބު. ރައްޔިތުން އަބަދުވެސް އެދޭނީ އެއިރަކު އޮންނަ ގޮތަކަށްވުރެ ރަނގަޅު ގޮތެއްވުން. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުން ބޭނުންވީ އެއިރު އޮތް ގޮތަށްވުރެ ރަނގަޅު ގޮތްތަކެއް ރައްޔިތުންނަށްވުން،" ސޯލިހު ވިދާޅުވި އެވެ.

"ވަރަށް ބޮޑު އުއްމީދަކާއެކު ހަމަ ޔަގީނުން ވެސް މިހާރު މި އޮތް ސަރުކާރު ރައްޔިތުން ހޮވާފައި އޮންނާނީ. އެހެން ނަމަވެސް މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެއިރު އެ ދެއްކި ހުވަފެން ނޫނީވިއްޔާ އެއިރު އެ ކޮށްދޭން ވީ ވައުދުތައް އެގޮތުގާ ފުއްދެމުންދާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ."
މާޗް 17، ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު މިފަހަރު 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 90 ދާއިރާއަކަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރެ އެވެ. އެންމެ ގިނައިން ވާދަ ކުރަނީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.
އޭގެ އިތުރުން، ވެރިކަން ހިންގާ ޕީއެންސީން 89 ދާއިރާއަކަށް ވާދަ ކުރާއިރު، ޑިމޮކްރެޓްސް އިން 39 ދާއިރާއަކަށް ވާދަ ކުރެ އެވެ. ޖުމްހޫރީ ޕާޓީން 10 ދާއިރާއަކަށް، އަދާލަތާއި އެމްޑީއޭއިން ހަތަރު ދާއިރާއަކަށް އަދި އެމްއެންޕީ އިން ދެ ދާއިރާއަކަށް ވާދަ ކުރެ އެވެ. އަދި އަމިއްލަ މެންބަރުންގެ ގޮތުގައި 130 މީހަކު ވާދަ ކުރެ އެވެ.













