ފުރަތަމަ ފަހަރަށް, މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަންހެނަކު އައްޔަނުކޮށްފި އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަނުކުރީ ފާތިމަތި ދިޔާނާ އެވެ. އޭނާއަށް މަގާމުގެ ލިޔުމާއި ފޮތިކޮޅު ހަވާލުކުރީ މިއަދެވެ.
ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ އަދާކުރެއްވީ ޑެޕިއުޓީ ޗީފް ސުޕްރެންޓެންޑެންޓްގެ މަގާމެވެ. އޭނާ ވަނީ އެ ދާއިރާގައި 23 އަހަރު ހިދުމަތް ކުރައްވާފަ އެވެ.
އެ މަގާމަށް ދިޔާނަ އައްޔަނު ކުރުމާއެކު ކަސްޓަމްސް އިން ބުނީ އެއީ އެ އިދާރާއިން މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު ތާރީހުގައި މިފަދަ އިސް މަގާމަކަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރެވެ.













