ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކިރި މަހަށް އަގު ނުދޭތާ ދެމަސްވުމުން މިފްކޯގެ ކޫއްޑޫ މަސްފެކްޓްރީ ގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލުކުރައްވަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑުއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާކަން ޝިޔާމް މިއަދު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގައި މަސްވެރިން މިހާރު ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރާ މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ކޫއްޑޫއަށް ކިރި މަހަށް ފައިސާ ނުދޭތާ ދެ މަސްދުވަހަށް ވުރެ ދިގުލައިގެން ދިޔުމެވެ.
މިނިސްޓަރު ޝިޔާމް މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު އިއްޔެއާ ހަމައަށް 298 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އަންނަ މާޗު 5، ގެ ކުރިން އެ ފައިސާ ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިއްޔެ ބަލާލިއިރު 298 މިލިއަން ބެކްލޮގްގެ ގޮތުގަ މީނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާޗު 5، ގެ ކުރިން އެ ފައިސާ ދައްކާ ނިންމަން،" ޝިޔާމް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން, އަގަށް ގެނައި ބަދަލަށްފަހު، މަސްވެރިން ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅި އެވެ.












