މުޖުތަމައުގައި ހަވާސާކޮށްފައިވާ އެތައް ބަޔަކު އެބަ ތިބި ކަމަށާއި މި ސަރުކާރުން އެމީހުން އެމީހުން ބައިތިއްބާނީ އެންމެ ބޮޑަށް ސަމާލުކަންދޭ މީހުންގެ ގޮތުގައި "ރާޑަރުގެ މެދުގައި" ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ގިނަ ހިދުމަތްތަކެއް ދޭ މަރުކަޒެއްގެ ގޮތުގައި "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ގާއިިމްކުރި މަރުކަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި، އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހަވާސާ ވެފައިވާ އެހެން ބައެއް މީހުންނަކީ ސަރުކާރުތަކުގެ ރާޑަރަށް ކުރިން ނާރާ ފަރާތްތައް ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެމީހުންނަނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރުމާއި ވަސީލަތްތައް ފޯރުކޮށްދޭ ގޮތަށް ބެލި ނަމަވެސް މީގެ ކުރިން ހަވާސާކޮށްފައި ތިބި ބައެކެވެ.
"އެކި ކަންކަމުގައި ހަވާސާކުރެވިފައި ތިބި ފަރާތްތައް މެއިންސްޓްރީމްކޮށްގެން ، ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން. އެގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް މިދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްރަށްވެހިން ހިމެނޭ ގޮތުން، މުޖުތަމައުގަައި ހަވާސާކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ މެންޑޭޓުގައި ވެސް އޮތް ކަމެކެވެ. މިއަދު ހުޅުވި އިސްރަށްވެހިންގެ ނާދީ ގާއިމްކުރީ އެ މިނިސްޓްރީންނެވެ.
ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް "ހަފުތާ 14" ގެ ތެރޭގައި ހިމަނައިގެން އޭގެ ގިނަ ބިންގާތަކެއް އެޅިފައިވާ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ވެސް މިހައިތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި އެވެ. އެތަންތަނަށް ދަައުލަތުގެ ބަޖެޓުން ހަރަދުކުރީ ވެސް ވަރަށް ކުޑައެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ވެސް ބަދަލުކުރަން ނިންމައި އެ މަސައްކަތް ފަށައިފިން،" ރައީސް ވިދާޅުވި އެވެ.
އަމިއްލަވަންތަ އައިޑެންޓިޓީއާ އެކީގައި ކުރިއަށް ދާން ބޭނުން ނަމަ އެއީ ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.













