މި ސަރުކާރުން, ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށްނުލާނެ ކަމަށާއި, މާލެ ސަރަހައްދުގައި އެއްވެ އުޅޭނެ އިތުރު ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް ސެކްޓާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރި އިހުސާން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުން ހުރީ އެއްވެ އުޅުމުގެ ގާނުނު އުވައި ނުލައި, އެ ގާނޫނަށް ބަދަލުތަކެއް ގެނައުން ކަމަށެވެ.
"އެއްވެ އުޅުމުގެ ގާނޫނު އަޅުގަނޑުމެން އެއްކޮށް ދޫކޮށެއް ނުލަން. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކީ އޭގެއިން ދެވެންޖެހޭ ލުއިތައް ދިނުމުގެ ކަންތައް. ހަފްތާ 14ގެ ތެރޭގައި އިއުލާނު ކުރާނަން ވަރަށް އަވަހަށް އޭގެއިން ކަނޑައަޅާ ލުއިތައް," މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ހުއްދައެއް ނުނަގާ މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނީ އެންމެ ތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ, ކުރިއާލާ ފުލުހުންގެ ހުއްދަ ނުނަގާ އެއްވެ އުޅެވޭނެ އިތުރު ތަންތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ތަންތަން ރައީސް މުއިއްޒުގެ ހަފްތާ 14 ނިމުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން ގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދާ ހަމައަށް ވެސް މާލެ ސަރަހައްދުގައި ސިޔާސީ ހަރަކާތްތަކަށް އެއްވެ ހިޔާލު ފާޅުކުރަން އެއްވެ އުޅެވޭ ހަމައެކަނި ސަރަހައްދެއްގެ ގޮތުގައި އޮތީ އަލިމަސް ކާނިވަލް ސަރަހައްދެވެ.

އޭރު ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރައީސް ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅިފައި އޮތް ނަމަވެސް ވެސް އެ ގާނޫނު އިސްލާހުކޮށްފައެއް ނުވެ އެވެ.













