ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފި މިއަދު އެވެ.
ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓު 2024 ގެ ހަވާސާގައި ރައީސް ބައްދަލުކުރެއްވީ, އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ އާއި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއޭވާއާ އެވެ.
އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލާއެކު އޮތް ބައްދަލުވުމުގައި, އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން އަދި އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ފަތުރުވެރިކަމާއި, ދަނޑުވެރިކަމުގެ އިތުރުން ސިއްހީ އަދު އިގުތިސޯދީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ވަނީ ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލާއެކު އޮތް ބައްދަލުވުމުގެ ތަފްސީލު ރައީސް އޮފީހުން ހާމަ ކުރި ނަމަވެސް, އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލު އެ އޮފީހުން އަދި ހާމަނުކުރެ އެވެ.















