އަންނަ ރޯދަ މަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ ބޭނުންވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރެޖިސްޓަރީ ވެވޭނެ ޕޯޓަލެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.
މާލެ ސިިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވިދަޅުވީ ޕޯޓަލްގެ ހެދުމުގެ މަސައްކަތް ފެށީ ފަސޭހަ ކަމާއެކު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކާޑަށް އެދެވޭނެ މަގެއް ފަހިކޮށްދިނުމަށް ކަމަށެވެ.
"ޕޯޓަލްގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ހޯމަ ދުވަހު ރެޖިސްޓަރީވުމަށް ހުޅުވައިލާނެ، ޕޯޓަލްއިން މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ރެޖިސްޓާ ކޮށްލެވޭނެ،" ޝަތުފާ ވިދާޅުވި އެވެ.

ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށަށްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.
ކުރިންސުރެ ވެސް ރާއްޖޭގައި ކާޑުގެ ބާވަތްތައް ވިއްކަމުން އައީ ކޮންޓްރޯލް އަގެއްގައި ސަރުކާރު ސަބްސިޑައިޒް ކޮށްގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ގެ ސަރުކާރުން ސަބްސިޑީ ކަނޑައިލައި ކާޑުގެ ބާވަތްތަކުގެ އަގު، ދެ ގުނަ ބޮޑުކުރި އެވެ.
ސަރުކާރުން އޭރު ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެކަން ވަރަށް ބޮޑު ބުރަ އަކަށް ވެފައި އޮއްވާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ އަގު އެއް ހަމަކޮށް، އަގު ހެޔޮކުރީ ރައީސް އިބްރީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ރާއްޖޭގައި ހަނޑުލާއި ފުށް ވިއްކާ ރޭޓަށް ބަލާއިރު، 10 ކިލޯ ގެ ހަނޑުލަށް ހަރަދުވާނީ 48ރ. އެވެ. އަދި 10 ކިލޯގެ ފުށަށް 38ރ. އެެވެ. އެއީ ޖުމްލަ 86ރ. އެވެ. އެހެން ކަމުން 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ބޮލަކަށް ސަރުކާރުން އެ ދެނީ 13.6ރ.ގެ ކާޑެވެ. ރާއްޖޭގެ އާބާދީ އަކީ 515،132 އެވެ.
ސަރުކާރުން 2019 ވަނަ އަހަރު ކުރި، ގޭބިސީތަކުގެ ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ގޭބިސީ އެއްގައި އެވަރެޖް ކޮށް، 3-7 މީހުން ހިމެނޭއިރު، މަހަކު 28،251ރ. ހަރަދަށް ހިނގަ އެވެ. އޭގެތެރެއިން އެވަރެޖްކޮށް 6،591ރ. ހޭދަ ވަނީ ކެއިން ބުއިމަށް ކަމަށް އެ ސާވޭއިން ދައްކަ އެވެ. ރޯދަ މަހަކީ، އެހެން މަސް ތަކަށްވުރެ ކެއިންބުއިމުގެ ހަރަދު ބޮޑު މަހެކެވެ.
އާންމު މިންގަޑަކުން ބަލާއިރު، 10 ކިލޯ ހަނޑުލަކީ 60 މީހުންނަށް ވާހާ ބަތެވެ. އަދި 10 ކިލޯގެ ފުށުން 250-300 އާ ދެމެދުގެ އަދަކަށް ރޮށި ފިހެވޭނެ އެވެ. އެހެންކަމުން، ސަރުކާރުން ދޭ 10 ކިލޯގެ ހަނޑުލާއި ފުށުން، ތިން ހަތަރު މިހުންގެ އާއިލާ އަކަށް މަސް ދުވަހަށް ފުއްދާލެވޭނެ އެވެ.












