މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނު ކުރި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރެޖިސްޓަރީއާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ނުވާ މީހުންނާ ހަވާލު ކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރީން ބުނެފި އެވެ.
އެ މިނިސްޓަރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގޯތި ލިބުނު ކަމުގެ ލިޔުމާއި ގޯތި ރެޖިސްޓަރީ ހަވާލު ކުރުން ކުރިއަށް ގެންދާނީ އަންނަ ބުދަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ހައުސިން މިނިސްޓަރީގައި ކަމަށެވެ.
ސޮއި ކުރުމަށް ދާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑިއާއި ތާރީހު ހައުސިން މިނިސްޓަރީން ތަރުތީބު ކުރާ ތާވަލަކާ އެއްގޮތަށް އަންގަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މާލޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިދިޔަ ސަރުކާރުން ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ބިން ހިއްކައިގެން ޖުމުލަ 9003 ގޯތި ދޫކުރުމަށް ނިންމި އެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.
އެ ސަރަހައްދުތަކުން ގޯތި ލިބުނު މީހުންގެ ތެރެއިން ވެރިކަން ބަދަލުވެ، ރެޖިސްޓަރީ ދޫކުރުމުގެ މަސައްކަތް ހުއްޓުމާ ހަމައަށް 2000 އަށްވުރެ ގިނަ މީހުންނަށް ރެޖިސްޓަރީއާއި ލިޔުން ހަވާލު ނުކުރެވި އޮތެވެ.

ގޯތީގެ ރެޖިސްޓަރީ ނުލިބުމާއި ގޯތި ހަވާލު ކުރުމުގެ މަސައްކަތް ލަސްވަމުންދާތީ ގޯތި ލިބުނު ފަރާތްތަކުން މީގެ ކުރިން ވަނީ މުޒާހަރާކޮށް އަޑުވެސް އުފުލައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބި، ރެޖިސްޓަރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ލިޔުން ހަވާލު ކުރަން ފެށުމަށް ހައުސިން މިނިސްޓަރީން ނިންމާފައި މިވަނީ، ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ބިމާބެހޭ ގާނޫނަށް އިސްލާހެއް ގެނައުމުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު އިއްވާފައި ވަނިކޮށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް ނަސީމް މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމުގައި ބުނެފައި ވަނީ "ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެފަރާތްތަކުން އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުން" ކަމަށެވެ.













