ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ގާނޫނޫގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދު ރައީސް ވަނީ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާފަ އެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ ކަންކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގައި އެމަނިކުފާނު ވަނީ ސިޔާސީ ބައެއް ފަރާތްތަކަށް އަމާޒުކޮށް ވާހަކަ ދައްކަވާފަ އެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުމަށް ކަމަށާއި ވެރިކަން ކުރައްވަމުން ގެންދަވަނީ އެ ބީދައިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް. ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރުކުރާނަން," ރައީސް ވިދާޅުވި އެވެ.
އެގޮތުން, އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ. އެކަން ފުރިހަމަ ކުރުމުގެ ގޮތުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން. މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު އަދި މިހާތަނަށް މި ސަރުކާރުގައި ސިޔާސީ ބޭނުމެއްގައި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން މިހާތަނަށް ސަރުކާރާ ދެކޮޅަށް މަގުމަތީ އިހުތިޖާޖެއް ބާއްވާފައި ނުވެ އެވެ. ނަމަވެސް, މަޖިލީހުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް އައްޔަނު ކުރެއްވި ތިން ވަޒީރަކަށް ރުހުން ނުދިނުމުން ވެސް އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރުމުން އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އެ ދެ ޕާޓީން ދެކޭ ގޮތުގައި ސަރުކާރުން ވަނީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެފަ އެވެ.
އޭގެ ކުރީ ސަރުކާރުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ހުންނެވީ ޖަލުގަ އެވެ. އަދި, ޔާމީން ވެރިކަމުގައި ހުންނެވިއިރު އޭރު އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ހެން ތިއްބެވީ ޖަލު ހުކުމެއްގައި ނުވަތަ ރާއްޖޭން ބޭރަށް އަރުވާލެވިގެންނެވެ. އެއީ, މިފަހުގެ ތާރީހެއްގައި ސިޔާސީ ބޭނުމަށް އެންމެ ގިނަ މީހުން ހައްޔަރުކުރި ވެރިކަމެވެ.












