ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް ލިބުނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވައިލުމަށާއި ރާއްޖޭގެ ކަނޑުން "ގެއްލުނު ބައި" ހޯދުމަށް ކަމަށް ވިދާޅުވެ، އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ބޭރުގެ ސިފައިން އަނބުރާ ފޮނުވައިލުމާއި ކަނޑުން ގެއްލުނު ބައި ހޯދުމުގެ އިތުރުން ގައުމަށް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އުވައިލުމަށް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިއަތެއް،" ރައީސް ވިދާޅުވި އެވެ.
ބޭރުގެ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ތިބި އުތުރު ކަރައިގެ (އިންޑިއާގެ) ސިފައިންގެ ފުރަތަމަ ޕްލެޓްފޯމްގެ ސިފައިން މާޗް 10 ގައި ފުރާނެ ކަމަށާއި ދެވަނަ ޕްލެޓްފޯމްގެ ސިފައިން މޭ 10، ގައި ފުރާނެ ކަމަށެވެ.
"އަދި ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫނުދެއްވާނެ ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލިއްޔަތު ދިވެހި އަސްކަރިއްޔާގައި ގާއިމުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.












