ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރުގެ މާޗު 15ގެ ކުރިން ބޭލުމަށް ރައީސް ޑރ. މުހައްމަދުގެ ސަރުކާރުން ހުށަހެޅި ނަމަވެސް، އެ ތާރީހު މެއި 10 އަށް ބަދަލުކުރަން ދެ ގައުމުން އެއްބަސްވި ދިވެހި ސަރުކާރުން ރޭގައި ބުންޏެވެ.
"އިންޑިއާ އައުޓު"ގެ ވައުދާއެކު އިންތިހާބުވި މި ސަރުކާރުން އިންޑިއާއާއެކު ޖެނުއަރީ 14 ގައި ބޭއްވި ވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު 15 ގެ ކުރިން ގެންދިޔުމަށް ހުށަހެޅި އެވެ.
"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ޖެނުއަރީ 14 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، ކޯ ގްރޫޕުގެ ދެ ބައްދަލުވުން ނިއު ދިއްލީގައި އިއްޔެ ބޭއްވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެއް ސަރަހައްދުގައި ތިބި އިންޑިއާ ސިފައިން މާޗު 10 ގެ ކުރިން އަނބުރާ ގައުމަށް ގެންދާނެ ކަމަށެވެ. އަނެއް ދެ މަރުކަޒުގައި ތިބި ސިފައިން ބާލާނީ މެއި 10 ގެ ކުރިންނެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އައްޑޫ، ލ. ކައްދޫ އަދި ހދ. ހަނިމާދޫގަ އެވެ. އޭގެ އިތުރުން ސެނެހިޔާގައި ޑޮކްޓަރުންގެ ގޮތުގައި ވެސް އިންޑިއާ ސިފައިން ހިދުމަތް ދެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިންޑިއާ ސިފައިން ގެންދާނެ ތާރީހަކަށް ދެ ގައުމުން އެއްބަސްވި ކަމަށް ބުނެފައި އޮތަސް، އިންޑިއާގެ އެކްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި އެ ވާހަކައެއް ބުނެފައެއް ނެތެވެ.
އިންޑިއާގެ ބަޔާނުގައި ވަނީ ދެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމާއި، ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތަކުން ދޭ އިންސާނީ އަދި މެޑްވެކް ހިދުމަތް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ދެ ގައުމުން އެއްބަސްވި ކަމަށެވެ.
އިންޑިއާއިން މިހެން ބުނި ނަމަވެސް، ރާއްޖޭގެ ބަޔާނުގައި އެފަދަ ވާހަކައެއް ނެތެވެ.
މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އަސްކަރީ މީހުން ގެންދިޔުމަށް ފަހު މަދަނީން ތިބުމަކީ މައްސަލައެއް ނޫން ޖެނުއަރީ 14 ގައި ބޭއްވި ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭން ހުށަހެޅި އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި އިންޑިއާގެ 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަ ވެގެން ތިބި 25 ސިފައިންނެވެ. ދެން އިތުރަށް ތިބީ ސެނަހިޔާ އަސްކަރީ ހޮސްޕިޓަލުގައި ބަލި މީހުން ބަލައި އިންޑިއާ ސިފައިންގެ ޑޮކްޓަރުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބުނަމުން ދިޔައީ ރާއްޖޭގައި އިންޑިއާގެ އެތައް ހާއްސަ ސިފައިން ތިބި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެންމެ ބޮޑަށް ވިއްކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި މަތިންދާ ބޯޓާއި ހެލްކޮޕްޓަރު ވެސް ފޮނުވާލާނެ ވާހަކަ އެެވެ.












