މެއި 10، ގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރާނެ އިންޑިއާގެ މަދަނީ މީހުން ގެންނަން ދެ ގައުމުގެ ސަރުކާރުން މިއަދު އެއްބަސްވެއްޖެ އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗް 10، ގެ ކުރިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް، އިންޑިއާ ސިފައިން ފޮނުވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުރަތަމަ ބެޗުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށްފަހު މެއި 10، ގެ ކުރިން ބާކީ ތިބި ސިފައިން ފޮނުވާލަން ވެސް ދެ ގައުމުން މިއަދު އެއްބަސްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މެއި 10، ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެއްބަސްވިއިރު, ރައީސް އޮފީހުން މީގެ ކުރިން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށެވެ.
މިއަދުގެ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބާޔާނުގައި ބުނީ, އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާ-ރާއްޖޭގެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ކުރިއަށް ގެންދިޔައިރު, ދެން އަންނަ ބައްދަލުވުމެއް މިމަހު ފަހު ހަފްތާގައި މާލޭގައި ބާއްވަން ވަނީ އެއްބަސްވެފަ އެވެ.













