އިންޑިއާގެ ސިފައިން ހަތިޔާރާއެކު ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، ދިވެހި ތިން މަސް ދޯންޏަކަށް އެރި ސަބަބުން ހާމަ ކުރަން ސަރުކާރުން އިންޑިއާއަށް އަންގައިފި އެވެ.
ސަރުކާރުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ އިންޑިއާ ސިފައިން ދިވެހި ބުދަ ދުވަހު މަސް ދޯނިތަކަކަށް އެރި ސަބަބު ހާމަ ކުރަން ރަސްމީކޮށް މިއަދު އެދިފައިވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.
ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް މިއަދު އާންމުކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.
އެ މައްސަލަ ދޯނިތަކުން ރިޕޯޓު ކުރުމުން ދިވެހި ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައިރު، އިންޑިއާ ސިފައިން ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށް ސިފައިން ބުނެ އެވެ.

އަސުރުމާ-3 ދޯނީގެ ފަރާތުން ބުދަ ދުވަހު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު އިންޑިއާ ސިފައިން އެ ދޯނީގައި ހަރަކާތްތެރިވި ކަމަށެވެ.
"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.












