ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭގޮތުން ދެ ގައުމު ދޭތެރޭ ފަށާފައިވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމަށް ރާއްޖޭގެ ވަފުދެއް އިންޑިއާއަށް ފުރައިފި އެވެ.
އިންޑިއާ ސިފައިން ފޮނުވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މާލޭގައި ހުންނަ ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ. އެއަށްފަހު ދެވަނަ ބައްދަލުވުން މިއަދު ނިއު ދިިއްލީގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން މިއަދު ނިއު ދިއްލީގައި ކުރިއަށްދާ ހައި ލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުމުގައި ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތައް ކަން ވެސް އެ މިނިސްޓްރީން ފާހަގަ ކުރެ އެވެ.
މި ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރަށް ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެ ގައުމުން ވެސް ހާމައެއް ނުކުރި އެވެ.














