ތަހުގީގުތައް ކުރިއަށް ގެންދާ ގޮތާމެދު ހިތްހަމަނުޖެހޭ ނަމަ އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަމަޖައްސައިފި އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން، ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ ޕޯޓަލް މެދުވެރިކޮށް މިހާރު އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ބްލޮގުގައި އޭނާ ލިޔުއްވ.
"ޖިނާއީ އަދުލުގެ ނިޒާމު އޮންނަ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަކީ ތަހުގީގީ އިދާރާތައް މަސައްކަތްކުރާގޮތް ބަލައި، ފާރަވެރިވުމުގެ ޒިންމާއެއް އޮތް މީހެއް. މިއަދު އަޅުގަނޑުމެން މިތައާރަފުކުރަނީ، ތަހުގީގީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެއް،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހެޅުމަށް ޓެބެއް ހާއްސަކޮށްފައިވެ އެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެ އެވެ.
ޝަމީމް ވިދާޅުވީ މި ފޯމު ހުށަހެޅުމުން ފޯމު ލިބޭނީ އެ މައްސަަލައެއް ބެލުމާ ހަވާލުވެ ހުރި ޕްރޮސެކިއުޓަރަށް ކަމަށާއި އެ ފޯމު ކިޔުމަށް ފަހު ޖަވާބު ދެވޭނެ ކަމަށް އަންދާޒާކުރެވޭ ދުވަހެއް ޕްރޮސެކިއުޓަރު ޖަހަން ޖެހޭނެ ކަމަށެވެ.

"އޭނާއަށް، އެ ސްކްރީނުން އެހެން ސްކްރީނަކަށް، ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ، ޖަވާބުދޭނެ ދުވަހެއް ލިޔުމަށްފަހުއެވެ. ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެ. މިވެނި ޕްރޮސިކިއުޓަރަކު، އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާ ކަމަށާއި މިވެނި ދުވަހެއްގައި ޖަވާބެއް ލިބޭނެ ކަމަށް އިންތިޒާރު ކުރުމަށް، އެ މެސެޖުގައި އޮންނާނެ،" ޕޯޓަލްގެ ހިދުމަތް ލިބޭނެ ގޮތް ތަފުސީލު ކުރައްވަމުން ޝަމީމް ވިދާޅުވެފައިވެ އެވެ.












