ކޮލަމްބިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން އެ ގައުމުގައި ކާރިސާގެ ހާލަތު އިއުލާނުކޮށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
އެ ގައުމުގެ ރައީސް ގުސްތާވޯ ޕެޓްރޯއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކުރި ގޮތުގައި އަލިފާނުގެ ސަބަބުން ކޮލަމްބިއާއަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. އަދި ކޮލަމްބިއާގެ ސަރުކާރުން ދަނީ އެހެން ކަންކަމަށް ބަޖެޓުކޮށްފައިވާ ފައިސާވެސް މިހާރު މި ހާދިސާއިން ލިބޭ ގެއްލުންތަކަށް ރީޑައިރެކްޓު ކުރަމުންނެވެ.
ޖަންގަލިތަކުގައި ރޯވެފައިވާ މި އަލިފާންތަކަކީ ހޫނުމިން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ފެށިފައިވާ އަލިފާންތަކެކެވެ. ކޮލަމްބިއާގެ އިދާރާތަކުން ބުނާ ގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ހޫނުމިން މިހާރު ހުރީ އާންމު ހާލަތަށްވުރެ 10 ޑިގްރީ މަތީގަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ކޮލަމްބިއާއިން ޖުމްލަ 250 އެއްހާ ވަކިވަކި އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 217 އަލިފާންގަނޑު ނިއްވާލެވިފައިވާއިރު މިހާރު ކޮންޓްރޯލް ނުކުރެވިވާ އަލިފާންގަނޑުތަކުގެ އަދަދު 15 އިން މައްޗެވެ.
އަލިފާނާއި ދުމުގެ ސަބަބުން ކޮލަމްބިއާގެ ވެރިރަށް ބޮގޮޓާގެ އެއާޕޯޓުތައްވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން 48 ފުލައިޓު ކެންސަލްވެ 16 ފުލައިޓެއް ވަނީ އެހެން އެއާޕޯޓުތަކަށް ރީރޫޓު ކޮށްފަ އެވެ.














