އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
އެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ރައީސް ފޮނުއްވި އެވެ.
މަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިހުތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކަކަށް ވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެމްއެންޑީއެފްގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި ސެނެހިޔާ ހިމެނޭހެން ތިބި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ބޭލުމަށް ސަރުކާރުން ވަނީ މާޗު 15 އާ ހަމައަށް މުހުލަތެއް ދީފަ އެވެ. މި ދަނޑިވަޅަކީ ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެކެވެ.












