ޕީއެންސީގެ ސަރުކާރުން ގައުމީ މަސްލަހަތުގައި ނޫނީ ކަމެއް ސިއްރު ނުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުލްރަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގައި ބައިވެރިވާ ބޭރުގެ ދެ ތަޖުރިބާކާރުންނަށް ކުރާ ހަރަދާއި އެ މީހުންނާ ގުޅޭ މައުލޫމާތުތައް ސަރުކާރުން ސިއްރުކުރުމާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުންނެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރެއް ނުކުރާނެ، ގައުމީ މަސްލަހަތެއް އޭގަ އެކުލެވިގެންވާކަމެއް ފިޔަވާ، އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ" ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި އަބްދުލްރަހީމް އިތުރަށް ވިދާޅުވީ، އެފަދަ ގައުމީ މަސްލަހަތު ހިމެނޭ ކަމެއް ހާމަ ކުރަންޖެހޭ ހާލަތެއްގައި ވެސް އެކަން ކުރަން ސަރުކާރުން ޖެހިލުމެއް ނުވާނެ ކަމަށެވެ.
"ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލައިގެން ވެރިކަން ކުރާކަށް ނޫން އަޅުގަނޑުމެން އައިސް މި ތިބީކީ"
އޭނާ މިހެން ވިދާޅުވި ނަމަވެސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ކަނޑުގެ މައްސަލާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ތަފުސީލުތައް ހޯދުމަށް "އަދަދު" އިން އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.

އޭގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރާނެ ކަމަށްވެސް މި ސަރުކާރުގެ ކުރީކޮޅު ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރަށް ދެ މަސް ވެގެން ދިޔައިރު ވެސް އޭގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ހާމަ ނުކުރެ އެވެ. މި ސަރުކާރުން އާ ނުކުރަން ނިންމި، އިންޑިއާއާއެކު ކުރީ ސަރުކާރުން ހެދި، ހައިޑޮގްރަފީ އެއްބަސްވުން ވެސް ހާމަ ނުކުރެ އެވެ.
ޕީއެންސީ ކޯލިޝަނުން އިދިކޮޅުގައި އޮތް ދުވަސްވަރު، ހާއްސަ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ އޭރުގެ ސަރުކާރުން ކަންކަން ހާމަ ނުކުރުމުގެ ވާހަކަ އެވެ. ގައުމީ ސަލާމަތް ހިމެނޭ ކަމަށް ބުނެ އެއްބަސްވުންތައް ސިއްރުކުރުމާ ގުޅިގެން ވެސް އޭރު އިދިކޮޅުގައި ތިބެގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.












