އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރިމަތިލެއްވި 13 މީހަކަށް ޕްރައިމަރީއަކާ ނުލައި އެ ކޯލިޝަންގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.
މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއާއި އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތާރިގު ހިމެނިވަޑައިގަންނަވަ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
- އަލީ މޫސާ - ހޯރަފުށީ ދާއިރާ
- އިބްރާހިމް ސުޖާއު - ބާރަށު ދާއިރާ
- އިދުރީސް އަބްދުﷲ - ހަނިމާދޫ ދާއިރާ
- ފާތިމަތު ސައުދާ - ނިލަންދޫ ދާއިރާ
- އިބްރާހިމް ސަނާހު - ތިމަރަފުށި ދާއިރާ
- އަހުމަދު އަޒާން މަރުޒޫގް - ހިތަދޫ މެދު ދާއިރާ
- މުހައްމަދު ޝާހިދު - ހުޅުދޫ ދާއިރާ
- އިބްރާހިމް މުހައްމަދު - ގަލޮޅު ދެކުނު ދާއިރާ
- އަލީ އިބްރާހިމް - ހެންވޭރު ހުޅަނގު ދާއިރާ
- އަބްދުﷲ ޝަޒީމް - ހުޅުމާލެ މެދު ދާއިރާ
ޕީއެންސީ/ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީ މި ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ފޯމު ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އެ ކޯލިޝަނުގެ ލީޑަރުޝިޕުން އާދިއްތަ ދުވަހު ނިންމި އެވެ. ނަމަވެސް މިކަމާ ކޯލިޝަންގެ ތެރޭގައި ނުތަނަވަސްކަން އުފެދި، ބައެއް އާންމު މެންބަރުން ޕާޓީގެ ދަފުތަރުން ވަކިވާން ފެށުމުން އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީން ފުރުސަތު ދިނުމަށް އެ ޕާޓީން ނިންމާފައިވެ އެވެ.
ޕްރައިމަރީގައި ވާދަ ކުރުމަށް ނަން ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުތުމަށް އެ ކޯލިޝަނުން ނިންމީ ޕާޓީ ބައިބައިވާ ގޮތަށް ފިތުނަ އުފެއްދި ކަމަށް ބުނެ އެވެ. އަދި ބައެއް މެންބަރުންގެ ކެންޑިޑެސީ ބާތިލު ކުރީ ޕާޓީއަށް ހިދުމަތް ނުކުރާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ކެންޑިޑެސީ ބަލައިނުގަތް ބައެއް ކެންޑިޑޭޓުން ވަނީ ޕްރައިމަރީގައި ވާދަ ނުކުރުމަށް ވެސް ނިންމައިފަ އެވެ. ބައެއް ކެނޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ވާދަކުރާނެ ކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ރަސްމީކޮށް އެއްވެސް ވާހަކައެއް މިހައިތަނަށް ދައްކާފައެއް ނުވެ އެވެ.













