ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންނަށް ނުދިނުމަށް ޕާޓީގެ ލީޑާޝިޕުން ނިންމުމާ އެކު މައްސަލަ ބޮޑުވުމުން ޕްރައިމަރީން ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ޕާޓީ ތެރޭގައި ފިތުނަ އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއްކޮށްދީފައިނުވާ ކަމަށް ބުނެ ބައެއް މެންބަރުންނަށް ވާދަ ނުކުރެވޭނެކަން އިއްޔެ ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޕާޓީގެ ލީޑާޝިޕަށް އަމާޒުވި އެވެ.
"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި," ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ކެންޑިޑޭޓުންނަށް ވާދަނުކުރެވޭނެކަން އެންގުމަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައި ވަނީ އަބްދުއްރަހީމް އެވެ. ބައެއް ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ޕީއެންސީގެ އޮފީހުގެ ތެރޭގައި ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.
އެކަމުގެ ހިތްހަމަނުޖެހުމުގައި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާނުކޮށް ޕާޓީއަށް ފާޑުކިޔާފަ އެވެ. އަދި, ކެންޑިޑޭޓުންގެ ބައެއް ސަޕޯޓަރުން ވަނީ ޕާޓީން ކެނޑެން ސިޓީ ވެސް ލާފަ އެވެ.

މާޗް 17، ގައި ބާއްވާ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ވެރިކަން ހިންގާ ކޯލިޝަނުން ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާއިރު، ފިތުނަ އުފެއްދި ކަމަށް ތުހުމަތު ކުރަނީ ޕީޕީއެމްގެ ކުރީގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެމެދު ޖެހުނު މައްސަލައިގައި ޔާމީންއަށް ސަޕޯޓުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.
ޕާޓީ ތެރޭގައި ފިތުނަ އުފެއްދުމުގެ ތުހުމަތުގެ އިތުރުން، ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލު ކުރީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ނުކުރާ ކަމަށް ބުނެ އެވެ.
"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.













