ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމަށް ނުދިނުމުން އޭނާގެ ސަޕޯޓަރުން ޕާޓީން ކެނޑެން ފަށައިފި އެވެ.
ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއްކޮށްދީފައިނުވާ ކަމަށް ބުނެ ބައެއް މެންބަރުންނަށް ވާދަ ނުކުރެވޭނެކަން އިއްޔެ ވަނީ އަންގައިފަ އެވެ. ހަސަންއަށް ކުރި ތުހުމަތަކީ ވެސް ފިތުނަ އުފެއްދުން ކަމަށް ބެލެވެ އެވެ.
"މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކަށް ބެއްލެވުމެއް ނެތި، ހަގީގަތާ ހިލާފު ކަންތައްތަކެއް ތުހުމަތުކޮށްފައި، ވަކި ބައެއްގެ އަމިއްލަ މަންފާއަށްޓަކައި އަޅުގަނޑު ތާއީދު ކުރާ ހ. ވާލީވިލާ، ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލު ކުރަން ނިންމާފައިވާކަން ހަސަން ޝިޔާމްއަށް ފޮނުވި ސިޓީއިން އެނގެން އޮންނާތީ މިއަދުން ފެށިގެން އަޅުގަނޑު ތިޔަ ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވަކިކޮށްދެއްވުން އެދި ދެންނެވިން،" އޭނާގެ ސަޕޯޓަރުން ސޮއި ކުރަން ފެށި ސިޓީތަކުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެކަން އޮކްޓޯބަރު، 2023، ގައި ހަސަން ވަނީ އިއުލާނު ކުރައްވައިފަ އެވެ. އޭގެ ފަހުން ޕީއެންސީއަށް މެންބަރުން ވެއްދުމަށް ނޮވެމްބަރުގައި އޭނާ ވަނީ ބޮޑު ކެމްޕެއިނެއް ހިންގަވައިފަ އެވެ. އޭނާގެ ކެމްޕެއިނުގައި ބައެއް ވަޒީރުން ވެސް ބައިވެރިވެފައިވެ އެވެ.
މީގެ ކުރިން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހަސަން ވަނީ މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރައްވައިފަ އެވެ. އެފަހަރު އޭނާ ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.

މާޗް 17، ގައި ބާއްވާ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ވެރިކަން ހިންގާ ކޯލިޝަނުން ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާއިރު، ފިތުނަ އުފެއްދި ކަމަށް ތުހުމަތު ކުރަނީ ޕީޕީއެމްގެ ކުރީގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެމެދު ޖެހުނު މައްސަލައިގައި ޔާމީންއަށް ސަޕޯޓުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.
ޕާޓީ ތެރޭގައި ފިތުނަ އުފެއްދުމުގެ ތުހުމަތުގެ އިތުރުން، ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލު ކުރީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ނުކުރާ ކަމަށް ބުނެ އެވެ.
"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތީ ނޮވެމްބަރު، 2023، ގަ އެވެ. އެއަށްފަހު ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލާފައިވާ ކަމަށް ސަރުކާރުން ޕާޓީގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ ފަހުން ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.












