މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހުންނެވިއިރު މާލޭގެ މަގުމަތީގެ އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން ބަޖެޓު ކަނޑައަޅައި މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ގާއިމުކުރަން ފާސްކުރި އެވެ.
ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެކަން ކުރައްވާފައި ނުވާއިރު، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ ބުޅާ ބަލަހައްޓާނެ ފެސިލިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި މިހާރު އޮންނަ ފަރުކޮޅުފުށީގައި ކަމަށެވެ.
ބުޅާ ބަލަހައްޓާ ތަން ހެދުމަށް ފަރުކޮޅުފުށިން ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަަމަށާއި އެ ފެސިލިޓީ ގާއިމުކޮށް ހިންގާނީ މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ދެމެދު ސޮއި ކުރާ އެއްބަސްވުމެއްގެ ދަށުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ފަރުކޮޅު ފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް، މާލެ ސިޓީ ކައުންސިލުން ގާއިމުކޮށް، އެތަނަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމުކުރުމަށް ވަނީ ނިންމާފަ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ މައްސަަލައަށް މީގެކުރިން އެކިފަހަރު މަތިން މާލެ ސިޓީކައުންސިލުން އެކި ނިންމުންތައް ނިންމައި ހެދި އެވެ. ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން އޭރު ނިންމީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރުމަށެވެ.
އަމިއްލަ ހަރަދުގައި އެކަން ކޮށްދޭން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މެއި މަހު ކައުންސިލުން އަމިއްލައަށް މާލޭގައި ވަގުތީ ޝެލްޓާއެއް ގާއިމުކުރަން ފާސްކުރި އެވެ. އަދި އެކަމަށްޓަކައި 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ހަތަރު މަސްތެރޭ އެތަން ނިންމައި މުވައްޒަފުން ނަގައި ހިންގަން ފަށްޓަވާނެ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ. ބަޖެޓު ފާސްކޮށް ޕްލޭން ހެދި ނަމަވެސް ސިޓީ ކައުންސިލުން އެ ފެސިލިޓީ ގާއިމުކޮށްފައެއް ނުވެ އެވެ.












