ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު ފައިނަލްކުރަން، އައިޑީގައިވާ މައުލޫމާތު ބަދަލުވި މީހުން މި މަހުގެ 21ގެ ކުރިން އައިޑީކާޑު ހައްދަން ފޯމު ހުށަހެޅުމަށް ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިއަދު އެދިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ މިހާރު ދީފައިވާ ތާރީހުގެ ފަހުން އައިޑީކާޑު ހައްދަން ހުށަހަޅާ މީހުންނަށް އައިޑީ ހައްދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ލާން ނުލިބުނަސް ރަނގަޅުކަމަށް އެއްބަސްވާނަމަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމުމުން ކުރިއެކޭވެސް އެއްގޮތަށް މައުލޫމާތު ބަދަލުވާ މީހުންގެ އައިޑީކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
އިންތިހާބުތަކުގެ ދުވަސްވަރު އަބަދުވެސް އައިޑީ ހައްދަން ގިނަ ބަޔަކު ދެ އެވެ. މިއާ ގުޅިގެން ޑީއެންއާރަށް ބާރު ބޮޑުވެ އައިޑީ ކާޑުތައް ލިބުމުގައި ލަސްތަކެއް ދިމާވެ އެވެ. ނިމުނު ރިޔާސީ އިންތިހާބު ދުވަސްވަރު ވެސް ގިނަ ބަޔަކު އައިޑީކާޑު ހައްދަން ހުށަހެޅުމުގެ ސަބަބުން، އައިޑީކާޑުތައް ނިންމަން ހިނގާ މުއްދަތު އިތުރުވެގެން ދިޔަ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މާޗު 17 ގަ އެވެ.














