ރައީސް އޮފީހުން މާލޭސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތް ހުއްޓާލުމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ސޯޝަލްމީޑިއާ އެކްސްގައި ލިއުއްވި ލިއުމެއްގައި އާޒިމް ވިދާޅުވީ، ގާނޫނާ ހިލާފަށް ރައީސް އޮފީހުގެ ބޭފުޅުން ވަދެ ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތް ހުއްޓައިލަން ސަރުކާރަށް ގޮވައިލާ ކަމަށެވެ. އޭނާ މޭޔަރުގެ މަގާމުގެ ހުވައިކުރެއްވުމާ ހަމައަށް ، ކައުންސިލުން މިއަދު ނިންމި ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސައިލަން ވެސް އޭނާ ގޮވައިލެއްވި އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައިރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ބައިވެރިވެ ކަރުދާހެއް ހުށަހެޅުއްވުމުން އެ ކަރުދާސް ކައުންސިލުން މިއަދު ފާސްކުރި އެވެ.
ކައުންސިލުގެ ބޮޑު ނިންމުމެއް މިއަދު ނިންމާފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އިންތިހާބީ މޭޔަރު އާޒިމް ހުވާކުރައްވަން ފަސް ދުވަހަށް ކައިރިވެއްޖެ އެވެ.
އެ ކަރުދާހުގައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށެވެ. ކައުންސިލުން މިއަދު ނިންމީ، އެ ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލު ކުރެވޭނެ ގޮތަށެވެ.

ޝާހިދުއަކީ މީގެ ކުރިން ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. ކައުންސިލުން ހިންގި ޕްރޮޖެކްޓްތަކުގެ އިދާރީ ބައެއް ކަންކަން ބައްލަވަމުން ގެންދެވީ އޭނާ އެވެ.
"އަޅުގަނޑުމެން ހުށަހަޅަނީ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ބަލާފަ، ކޮންމެ ޕްރޮޖެކްޓަކީ ވެސް އުސޫލެއްގެ ގޮތުން އިވެލުއޭޝަނެއް ހަދާކަމަށްވެއްޖެއާ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް. ކައުންސިލުން ހަރަދު ނުކުރި ނަމަވެސް މިވަރުގެ ޕްރޮޖެކްޓުތަކެއް ހިންގާއިރު މީގައި ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ ކަރުދާހުގައިވާ ގޮތަށް ކުރިއަށް ދިޔުމަށެވެ.
ބަދަލު ކުރަން ނިންމީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއު އެވެ.
ރައީސް އޮފީހުގެ ބައެއް ބޭފުޅުން ސިޓީ ކައުންސިލަށް ވަދެ އެތަނުގެ ލިއެކިއުންތައް ނެގުމާއި، ބެލުން ފަދަ ކަންކަން ކުރަމުން ދާތީ ބައެއް ކައުންސިލަރުން މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ.
ކުރިން މޭޔަރުކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، އެމަނިކުފާނާ އެކު ސިޓީ ކައުންސިލުގައި މަސައްކަތް ކުރި ގިނަ ބަޔަކަށް ރައީސް އޮފީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުން މަގާމުތައް ދެއްވި އެވެ.













