ތިނަދޫގައި އަދިވެސް އޮތީ ސިޓީ ކައުންސިލްގެ ބަދަލުގައި ރަށު ކައުންސިލެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
އެލްޖީއޭ އިން ބޭއްވި ބޯޑު ބައްދަލުވުމެއްގައި ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމުން، "ތިނަދޫ ކައުންސިލް"ގެ ނަން "ތިނަދޫ ސިޓީ ކައުންސިލް" އަށް ބަދަލުކޮށް، ކައުންސިލަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރަން ވާނީ ސިޓީ ކައުންސިލްގެ މޭޔަރަށް ކަމަށް އަންގަމުން ދާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބަލާފައިވެ އެވެ.
މައްސަލަ ބަލައި، އެލްޖީއޭގެ ބޯޑުން ނިންމާފައި ވަނީ ތިނަދޫ ކައުންސިލްގެ ދައުރު ހަމަވެ، ސިޓީ ކައުންސިލް އިންތިހާބު ވަންދެން ހިނގަމުންދާ ކައުންސިގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ތިނަދޫގައި އޮންނާނީ ސިޓީ ކައުންސިލެއްގެ ބަދަލުގައި އަދިވެސް ރަށު ކައުންސިލެއް ކަމަށް އެލްޖީއޭ ބޯޑުން ނިންމާފައިވެ އެވެ.

އެލްޖީއޭ އިން މި މައްސަލަ ބަލައި މި ގޮތަށް ނިންމުމާ ގުޅިގެން ތިނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަށު ކައުންސިލަކުން ސިޓީ ކައުންސިލަކަށް ބަދަލު ކުރި އިރު ހުރި ފުށުއެރުންތައް ހައްލު ކުރުމަށްޓަކައި ތަކުރާރުކޮށް އެލްޖީއޭއަށް ހުށަހެޅި ކަމަށެވެ.
ތިނަދޫއަކީ ސިޓީއެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހިސާބުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އިތުރު އިންތިހާބަކާއި ނުލައި މި ވަގުތު އިންތިހާބު ވެފައިވާ ކައުންސިލަށް ލިބިގެންވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ސިޓީއަކުން ކައުންސިލަށް ލިބި ދޭން ޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާ އެންމެހައި ހިދުމަތްތައް ލިބިދޭން ވާނެ ކަމަށް ވެސް ބުންޏެވެ.
"2019 ވަނަ އަހަރު ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގައި 51 ވަނަ މާއްދާ ހިމެނުމުގެ ބޭނުމަކީ ވެސް އިތުރު އިންތިހާބަކާއި ނުލައި މި ވަގުތު އިންތިހާބު ވެފައި އޮތް ކައުންސިލް ދެމި އޮވެ މަސްއޫލިއްޔަތުތަކާއި ބާރުތައް ފުރޮޅިގެންދާ އުސޫލުން ހައިސިއްޔަތު ވެސް އެކުއެކީ ބަދަލުވެގެން ދިޔުންކަން އެ އިސްލާހުން ހާމަ ވޭ،" ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، މިވަގުތު އުފެދިފައިވާ ފުށުއެރުންތަކަށް ހައްލު ހޯދައި ދިނުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮވެ، އެލްޖީއޭ އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ބަދަލުގައި މިކަމަށް ހައްލު ހޯދައި ދިނުމަށް ރައްޔިޔުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތަށް އެލްޖީއޭ އިން ގޮން ޖައްސަވައި، އެލްޖީއޭގެ ބޯޑުން ނިންމި ނިންމުންތަކަކީ ގާނޫނާ ހިލާފު ނިންމުންތަކެއް ކަމަށް ވެސް ތިނަދޫ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
ތިނަދޫގެ ބަޔާނުގައި ބުނީ އެހެންކަމުން، އިދާރީ ފުށުއެރުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެދިފައި ވަނިކޮށް އެކަމަށް އިޖާބަ ދިނުމެއް ނެތި، ބޯޑުން ނިންމި ނިންމުމާއި އެކަމާއި ގުޅޭ ގޮތުން އާންމު ކުރި ނޫސް ބަޔާން ބަލައި ނުގަންނަ ކަމަށެވެ.. އަދި ކައުންސިލަށް މިހާރު އެޑްރެސް ކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް "ތިނަދޫ ސިޓީ"އަށް ދީފައިވާ ހައިސިއްޔަތާ އެއްގޮަތަށް "ސިޓީ"ގެ ނަމުން ވެސް ބުންޏެވެ.
އެ ނޫން ގޮތަކަށް އެލްޖީއޭއިން އެޑްރެސްކޮށް ނުވަތަ އަމަލު ކުރަން ބޭނުންވާ ނަމަ، ޝަރުއީ މަރުހަލާ އިހުތިޔާރުކުރުމަށް ކައުންސިލުން ގޮވާލާފައިވެ އެވެ.












