ބުދަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި، މާލެ އަތޮޅުގައި އަޅާފައި އޮތް މަންޓާ އެއާގެ ބޯޓެއް ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
ހަލާކުވި ބޯޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާއިރު އެއިން ފެންނަ ގޮތުގައި ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅު އޮތީ ފަޅައިގެން ގޮސްފަ އެވެ. އަދި ބޯޓު އޮތީ ރަށެއްގެ ގޮނޑުދޮށަށް ބީހިފަ އެވެ.
"އެއީ މާލެ އަތޮޅު ކައިރީގައި ޕްލެޓްފޯމެއްގަ އަޅާފައި އޮތް ބޯޓެއް. ވިއްސާރައިގައި ޕްލެޓްފޯމުން ކަނޑައިގެން ގޮސް ގެއްލުންތަކެއް ލިބުނީ،" މަންޓާ އެއާގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
މަންޓާއިން ބުނީ ވިއްސާރަ އާއި ގަދަވައިގައި ހަލާކުވި ބޯޓު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ވަރަކަށް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.
"ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުން އެދެން،" މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.
މަންޓާ އެއާގެ އޮޕަރޭޝަންސް ފެށީ ނޮވެމްބަރު، 2019، ގަ އެވެ. މަންޓާއިން ދުއްވަނީ ޑީއެޗްސީ-6 މަރުކާގެ ޓްވިން އޮޓޯ ސީޕްލޭންތަކެކެވެ. ސީޕްލޭންގެ އިތުރުން އޭޓީއާރު72-600 މަރުކާގެ ބޯޓެއް ވެސް އެ އެއާލައިނުން ދުއްވަ އެވެ.











