މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބޯޑަށް މަސްވެރިން ތަމްސީލު ކުރާނެ މެމްބަރަކު އައްޔަނު ކުރުމަށް ހަމަޖައްސައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަަތު ހުޅުވާލައިފި އެވެ.
މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" ގެ މަގުޗާޓުގައި ވެސް ހިމަނާފައިވާ ކަމެކެވެ.
އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މަސްވެރިން ތަމްސީލުކުރުމަށް މިފްކޯގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހަތަރު ޝަރުތެއްް ފުރިހަމަވާން ޖެހެ އެވެ. އެ ޝަރުތުތަކަކީ:
- ދިވެއްސަކަށްވުން
- މަސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހަކަށްވުން
- އުމުރުން 18 އަަހަރު ފުރިފައިވުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރަށްވުރެ ދިގު މުއްދަތެއް ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުން. އަދި އެފަދަ ހުކުމެއް ތަންފީޒުކުރި ފަރާތެއް ނަމަ އޭނާގެ އަދަބު މައާފުކުރިމާ ފަސް އަހަރުވެފައިވާ ފަރާތެއް ކަމަށްވުން
މިފްކޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިއަދެވެ.
މިފްކޯގެ ހިންގުން ރަނގަޅު ކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. ކުރިން މިފްކޯ ހިންގަމުން އައީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެލައިޑް އިންޝުއަރެންސް ކުންފުނީގެ 0.01 ޕަސެންޓް ހިއްސާ އާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށްފައިވާކަން ސަރުކާރުން އިއުލާނުކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.












