ކުރިއަށް އޮތް ތިން ދުވަހު ކަނޑު ގަދަވެ ރާއްޖޭގެ މޫސުން ވަރަށް ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މޫސުން ލަފާކުރެވޭ ގޮތް ހާމަކޮށް، މެޓް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ އެ ކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
"ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ، ވީމާ މޫސުމަށް ސަމާލުވުން އެދެން،" މެޓް އޮޮފީހުގެ ޓުވީޓުގައި ލިޔެފައިވެ އެވެ.
ކަނޑު ގަދަވެ، މޫސުން ގޯސް ދުވަސްތަކުގައި ދަތުރުކޮށްގެން ވަރަށް ހިތާމަވެރި ހާދިސާތައް ކުރިމަތިވެފައިވެ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލި، ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ވެސް ލިބިފައި އެބަ ހުއްޓެވެ.












