ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ރާވާފައިވާ ބައްދަލުވުމަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް މިއަދު 12:00 ގައި ވަޑައިގެންފައި މި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލާމާތް ކުރި މައްސަލައިގައި ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފައި އޮއްވަ އެވެ.
އިންޑިއާއިން މިހެން ބުނި ނަމަވެސް ސަރުކާރުގެ އޮފިޝަލަކު މިއަދު "އަދަދު" އަށް ވިދާޅުވީ، ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގަންނަވަން ހަމަޖެހުނީ މިހާރު ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން ހާޒިރުވާން އެންގުމުން ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ, މަހާވަރު ފޮރިން މިނިސްޓަރު ވަޑައިގަތީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމަކަށް ކަމަށާއި އެ ބައްދަލުވުމުގައި ދެކެވުނީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުމާ ގުޅޭގޮތުން ކަމަށެވެ.
މި ބައްދަލުވުމަށް ސަފީރު ފޮރިން މިނިސްޓްރީއަށް ވަދެވަޑައިގަތީ މެންދުރު 12:03 ގަ އެވެ. އޭނާ ނުކުމެވަޑައިގެންނެވީ 12:31 ގަ އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީ ތެރޭގައި ހޭދަވީ 28 މިނެޓެވެ.

މި މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4 ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ސަސްޕެންޑުކުރި ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިއާ ގުޅިގެންނެވެ.
"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް ބުނެފައިވެ އެވެ.
އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ޕޯސްޓް ޑިލީޓުކުރެއްވި އެވެ. މަލްޝާ ކުރެއްވި ޕޯސްޓު ވެސް ޑިލީޑް ކުރެއްވި އެވެ.
މި މައްސަލައިގައި އެކްސްގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކަޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން އިއްޔެ ބައިވެރިވާން ފެށި ހިސާބުންނެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ވިޔަސް، މަޝްހޫރު ފިލްމީތަރިންތަކެއް އިއްޔެ ގޮވާލީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށެވެ. އެ ކެމްޕޭނުގައި އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ބައިވެރިވެފަ އެވެ.













