ރާއްޖޭގައި ތިބީ 88 ސިފައިން ކަމަށާއި އެ ސިފައިން ބޭލޭނެ ވަކި ދުވަހެއް ނޭނގުނަސް އެ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށް ސަރުކާރުން އަނެއްކާ ވެސް ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ވަރުގަދަ މެންޑޭޓަކާ އެކު އެވެ. އެމަނިކުފާނުގެ ސަރުކާރަށް ދޮޅުމަސް ދުވަސް ވާން ދާއިރު އަދިވެސް އެކަމުގައި އެންމެ އެކަށޭނެ ނަތީޖާތަކެއް ނެރެވިފައި ނުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މިރޭ ދެނަމާދު ދޭތެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ސަރުކާރުގެ ރުހުމުގައިތޯ ނުވަތަ ނުރުހުމުގައިތޯ އެއީ މިވަގުތަށް މުހިންމު ކަމެއް ނޫން ކަމަށާއި އެކަމުގެ ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. އެއީ "ގައުމީ ޖިހާދެއްގެ ގޮތުގައި" އޭނާ ސިފަކުރެއް އެވެ.
"މީގެ މުހިންމު ކަމަކީ މިކަމުގައި ސާބިތުވެ ދެމިތިބުން. ދިވެހިންގެ ނިޔަތަކީ މިއީ ކަމާއި, ދިވެހިން އެދޭ ގޮތަކީ މިއީކަމާއި, ދިވެހިން ބޭނުންވާ ގޮތަކީ މިއީކަން ސަރުކާރަށް އެނގިގެން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި މިކަން ކަނޑައެޅި, މިކަން ކޮޅެއްގައި ޖެހެންދެން މި ސިޔާސަތު ތަންފީޒު ވަންދެން މެނުވީ މިކަން ހުއްޓާނުލާ ކުރިއަށްގެންދިޔުން. މިއީ ހަމަ ގައުމީ ޖިހާދެއް," ނާޒިމް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭލުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވޭތޯ ބެލުމަށް ނާޒިމްގެ އަރިހުން "އަދަދު" ގެ ނޫސްވެރިޔާ ސުވާލުކުރުމުން ވިދާޅުވީ "އަޅުގަނޑަށް ހަމަ މިވަގުތު ދަންނަވާކަށް ނުކެރޭނެ" ކަމަށެވެ.

"ނުރުހުން, ނުގަބޫލު މިފަދަ ބަސްތައް, ނުރުހުމުގައި ތޯ ނުގަބޫލުގައި ތޯ އެއީއެއް ނޫން ކަންނޭނގެ އަޅުގަނޑުމެން ފޯކަސް ކުރަންވީ ކަމަކީ. އަޅުގަނޑުމެންގެ މިސްރާބު ވަރަށް ސާފު. އަޅުގަނޑުމެންނަށް ކުރަން އުޅޭ ކަންތައް ވަރަށް ސާފު. ސަރުކާރުން މި ދަންނަވަނީ އިންޑިއާ ސިފައިން މި ގައުމުގައި ތިބެގެން ނުވާނެއޭ. މިހާރު ތިބި މީހުން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން މި ގައުމު ދޫކޮށް ދާންށޭ," ނާޒިމް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން މި ގައުމުން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ޖުމުލަ 11 ބައްދަލުވުން ބާއްވާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި, އިތުރު ބައްދަލުވުމެއް މި މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ވެސް ހާމަކުރެއްވި އެވެ.
"މިފަދަ ކަންކަމަކީ ޑިޕްލޮމެޓިކް އުސޫލުން ނޫނީ ހައްލު ނުކުރެވޭނެ ކަންކަމަށް ވާތީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރަކުން ކުރަން ޖެހޭ މަސައްކަތްތައް ތަހުޒީބު ގޮތުގައި, މި ޒަމާނުގެ އަދި ދުނިޔެ ގަބޫލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކަން ކުރަމުން އެގެންދަނީ," އޭނާ ވިދާޅުވި އެެވެ.
އެގޮތުން, "ގަދަބާރުން ހިފާ ނަގައި ގެންގޮސް ތަނަކަށް ލާ އުސޫލުން" އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށާއި އެކަން ކުރަމުންދަނީ ޑިޕްލޮމަސީގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އިންޑިއާގެ ސަރުކާރުން ވެސް މިކަމުގައި މާ ގިނަ މައުލޫމާތެއް ހިއްސާ ނުކުރެ އެވެ.













