ރަށްރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ލޯނު އެއް މިލިއަން ރުފިޔާއަށް އިތުރުކޮށް، އިންޓްރެސްޓް ފަސް ޕަސެންޓަށް ވުރެ ތިރިކުރަން ސަރުކާރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ހިންގާ ގެދޮރުވެރިޔާ ސްކީމުން ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތުކުރުމަށް ފައިސާ ދޫކުރެ އެވެ. މިހާރު މި ސްކީމުން ގިނަވެގެން ދޫކުރަނީ ހަތް ލައްކަ ރުފިޔާ އެވެ. އަދި އިންޓްރެސްޓަކީ ހަ ޕަސެންޓެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު އިތުކުރުމާ އެކީ، ބޯހިޔާވަހިކަމަށް ހާއްސަ ޓްރަސްޓް ފަންޑެއް ގާއިމްކުރަން ވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އިތުރު ތަފުސީލެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާނުކުރައްވަ އެވެ.
މި ލޯނު ތައާރަފުކުރަމުން ކުރީ ސަރުކާރުން ބުނީ ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް ރަނގަޅު ފެންވަރުގެ ގެއެއް ބިނާކުރަން ހަތް ލައްކަ ރުފިޔާ ފުދޭ ކަމަށެވެ. އެކަމަކު އޭރު ވެސް މި އަދަދު މާ ކުޑަކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބުނެވެ.

މި ޝަކުވާތަކާ ގުޅިގެން، ލޯނު ދޫކުރާ އެންމެ މަތީ އަދަދު ބޮޑުުކުރަން ވިސްނަމުންދާ ކަމަށް 2021 ގައި ސަރުކާރުން ބުނެފައި ވެ އެވެ. ނަމަވެސް އެކަމެއް ނުކުރެ އެވެ.
ގެދޮރުވެރިޔާ ލޯނަކީ ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރާ ހައުސިން ލޯނުތަކާ އަޅައިބަލައިއިރު މިހާރު ވެސް އެންމެ ހެޔޮ އަގުގައި ލިބޭ ލޯނެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަށް މާކެޓުން ލިބެން ހުރި އެހެން ލޯނުތަކަށް ވުރެ ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އެވެ.












