ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީއެއް ނަގަން ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަށްވެހިކަން ބަަދަލުކުރުމުގެ ސަބަބުން އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމަށެވެ. އާބާދީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތިނަދޫއިން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާނަމަ ނަގާ ފީ 5000 ރުފިޔާއަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެ އެވެ.
ރަށްވެހިކަން ބަދަލުކުރާ ނަމަ ނަގާ ފީ ބޮޑުކުރަން ނިންމާފައި ވަނީ މިއަދުން ފެށިގެންނެވެ. މި ނިންމުން ނިންމީ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްގެންނެވެ.
ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން ވަގުތު އެ ނިސްބަތަށް ރަޖިސްޓްރީ އާބާދީ އޮތް ކަމާ މެދު ވެސް ސުވާލުތަކެއް އުފެދިފައިވެ އެވެ. އެއީ އޭގެ އަހަރެއްހާ ދުވަސް ކުރިން، އެ ރަށު ކައުންސިލުން އެ ކަމަށް އެދި ހުށަހެޅި އިރު ރަޖިސްޓްރީ އާބާދީ އުޅުނީ 7،000 ގަ އެވެ.
ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވި ކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް މި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5،076 މީހުން އަދި ދެކުނު ދާއިރާއަށް 5،074 މީހުން ކަމަށެވެ.
ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސްވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދަށާއި، އެންމެ ދެކުނުުގައިވާ އައްޑު އަތޮޅަށާއި، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓަށެވެ.












