ސްޓޭޓް ވިޒިޓެއްގައި މިރޭ ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފު ކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ މިއަދު ކެބިނެޓުގައި ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުގެ ޕްރެސް ޑިޕާޓްމަންޓުން މިއަދު އާންމު ކުރި ރައީސް އެމަނިކުފާނުގެ އިންޓަވިއުއެއްގަ އެވެ.
"މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި މަޝްވަރާ ކުރަން ނިންމާފައި. އޭގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ ކަންކަމުގައި މަޝްވަރާ ކުރުން އެބަ އޮތް،" ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވާނެ ބައެއް ކަންކަމުގެ ވާހަކަ ހާމަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފު ކުރުމާއި އޮންލައިންކޮށް ފައިސާ ދެއްކުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން އަދި މީޑިއާ ވިލެޖެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ވެސް ކެބިނެޓުގައި ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި އޮންލައިން ޕޭމަންޓު ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕޭ ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ ވާހަކަ އެބަ އޮތް. ދެން ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފު ކުރުމުގެ ވާހަކަ އާއި މިކަހަކަ ވަރަށް މުހިންމު ވާހަކަތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ. "މީޑިއާއަށް ހާއްސަކޮށްލި މީޑިއާ ވިލެޖު ގާއިމް ކުރުމަށްޓަކައި މަޝްވަރާ ކުރުން އެބަ އޮތް."

ރައީސްގެ ދެކަނބަލުން މިރޭ ޗައިނާއަށް ކުރައްވާ ދަތުރަކީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓެވެ. ރައީސް މުއިއްޒަކީ މިއަހަރު ޗައިނާއަށް ވަޑައިގަންނަވާ ބޭރު ގައުމެއްގެ ފުރަތަމަ ހެޑް އޮފް ސްޓޭޓެވެ. ޗައިނާއަށް ރައީސް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޝީ ޖިންގްޕިން އެރުވި ދައުވަތަކަށެވެ. ރައީސްގެ ދަތުރު ނިންމާލައްވާނީ ޖެނުއަރީ 12، ގަ އެވެ.












