ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަދި އެސްއީޒެޑް ޒޯން ޕްރޮޖެކްޓުގެ 20 އަހަރުގެ މާސްޓާ ޕްލޭންގެ ދަށުން، ނޫވިލު ސީޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ހިދުމަތްތައް ބަދަލު ކުރަން ނިންމި ނަމަވެސް ބަދަލު ކުރާނެ ވަކި ރަށެއް އަދި ނުނިންމާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ބުނީ، ސީޕްލޭން ޓާމިނަލާއެކު ސީޕްލޭން އޮޕަރޭޝަންސް، ހުޅުލޭ ކައިރީ އޮންނަ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ ހިންގާ ފުރަނަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު މިއަދު 'އަދަދު' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަދަލު ކުރަން ނިންމާފައި ވަނީ ސީޕްލޭން ޓާމިނަލް ނޫން ކަމަށާއި ބަދަލު ކުރާނީ ޓާމިނަލްގެ އޮޕަރޭޝަންސްތައް ކަމަށެވެ. އަދި އެ އޮޕަރޭޝަންސްތައް ބަދަލު ކުރާނެ ވަކި ރަށެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީޕްލޭން އޮޕްރޭޝަންސް ބަދަލުކުރާނެ ތަނެއްގެ ފައިނަލް ޑިސިޝަންއެއް ނުނަގާ. ރައީސް އިއުލާން ކުރެއްވި ކޮންސެޕްޓްގެ ދަށުން ސީޕްލޭން އޮޕަރޭޝަން ބަދަލުކުރާނެ. އެއާއިއެކު މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުވެގެންދާނީ އެހެން ހިދުމަތެއްދޭ ތަނަކަށް،" ޝަމްއާން ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ މުހިންމު އެއް ބަޔަކީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލު ކުރުން ކަމަށެވެ.














