މިދިޔަ އަހަރު ނޮވެމްބަރު 26، އިން އެ މަހުގެ ނިޔަލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެއްވެސް ވިޔަފާރިވެރިޔަކާ ބައްދަލު ނުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" ފޮނުވި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުގައި ރައީސް އެއްވެސް ވިޔަފާރި ވެރިޔަކާ ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.
ރައީސް އޮފީހުން ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ރައީސް ބައްދަލުކުރެއްވި ވިޔަފާރިވެރިންނާއި އެ މީހުންގެ ވިޔަފާރިތަކުގެ ތަފުސީލު ހިމެނެ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ތުރުކީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނުގެ އިތުރުން ގިނަ ވަޒީރުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. އުރުދުގާން އާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ގައުމާއެކު ޓްރޭޑް އެއްބަސްވުމެެއްގައި ސޮއިކުރައްވާފަ އެވެ.
މި އެއްބަސްވުމަކީ "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގެ ނަމުގައި ވިޔަފާރި އާއި އިގުތިސާދީ ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ސޮއި ކުރި އެއްބަސްވުމެކެވެ.

އެ ދަތުރަށްފަހު މި މަހު 10 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން، ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.













